ރައީސް އަބްދުﷲ ޔާމީން

އެންމެ އިސްކަން ދެއްވަނީ "އިންޑިއާ އައުޓް" ކެންޕެއިން ފުޅާކުރެއްވުމަށް: ޔާމީން

އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވެވި ބައްދަލްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ‎މި ބައްދަލުވުމުގައި ރައީސް ޔާމީންވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށާ އެ ހަރަކާތް ފުޅާކުރައްވާނެ ކަމަށް ވަރަށް ސާފުކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާނު ކުރައްވާފައިވަނިކޮށެވެ. ހުކުރު ދުވަހުގެ ރޭ އޮތް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ސީދާ އެމަނިކުފާނުގެ އިރުޝާދަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ޕީޕީއެމާއި ޕީއެންސީއިން އެމަނިކުފާނުގެ އިސްނެންގެވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭގެ ފަހަށް އެމަނިކުފާނު ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާ ދިވެހީންގެ އަމަން ބަލަހައްޓަން އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިހުތިރާމުކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތާކު އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނަތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެން ނަމަވެސް މިއަދު ރަސްމީކޮށް އަޅުގަނޑު މި ބުނަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.