ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑުކޮށްދޭން އެދިއްޖެ އެވެ. ނުކުޅެދުންތެރިންކަން ހުންނަ މީހުންގެ ފަރާތުން އެކަމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ލޯފަން ކުދީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކުދީން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދިރިއުޅުމުގެ ހަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމާއި އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވުމުވެ. އަދި މީހުންނަށް ފޯރުކޮށްދޭން ޖެހޭ ފަރުވާ އާއި އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އެންސްޕާގެ އިސްވެރިންވެސް ބައިވެރިވިއެވެ. އެ އިދާރާ ތަމްސީލުކުރި ބޭފުޅުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއާނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއެކު އެންސްޕާއިން ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.