ރައީސް އަބްދުﷲ ޔާމީން

ބައި އިލެކްޝަންގައި ޔާމީން ވާދައެއް ނުކުރައްވާނެ: ޕީޕީއެމް

Dec 18, 2021
6

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅު ޕީޕީއެމް އިން ދޮގުކޮށްފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައެއް އިލެކްޝަންގައި ރައީސް ޔާމީން ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން މިއަދު ވާހަކަދައްކާފައިވެ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު އަވަސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރުމާ މެދު ޕާޓީން އަދި އެއްވެސް ގޮތެއް ނުނިންމާ ކަމަށެވެ. ޕީޕީއެމުން ކެންޑިޑޭޓަކު ވާދަކުރިޔަސް އެ ބޭފުޅަކީ ރައީސް ޔާމީން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ތިއީ އަޅުގަނޑުމެން އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންދާތީ އެ އަޑު ކަނޑުވާލަން ބަޔަކު ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުންނެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 10 ވާ ބުރާސްފަތި ދުވަހު އެވެ.