އަމިއްލަ އެއާލައިންތަކުގެ ބޯޓުތައް ޗާޓަރު ކުރުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށް ބުނެ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަނުން ދިފާއުގައި ވާހަކަދައްކައިފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އެންމެ ބޮޑު ފްލީޓުގައި ހަ ބޯޓު ބޭނުން ކުރާއިރު މީގެ ތެރެއިން ހަތަރު ބޯޓެއް ވަނީ ގްރައުންޑްކޮށްފަ އެވެ.
މީގެ ސަބަބުން ޓޫރިޒަމްގެ މައި ސީޒަން ފެށުނުއިރު ގައުމީ އެއާލައިންގައި ކެޕޭސިޓީ ނެތުމުގެ ސަބަބުން ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ އެ މައްސަލަ ފޫބަައްދަން އެތެރޭގެ އުދުހުންތަކުގައި ހިދުމަތްދޭ އެހެން އެއާލައިންތަކުގެ ބޯޓުތައް ކުއްޔަށް ނަގަން އައިލެންޑް އޭވިއޭޝަނަށް ވަނީ މަޖުބޫރުވެފަ އެވެ.
މިކަމާ ގުޅިގެން އަމާޒުވަމުންދާ ބޮޑެތި ފާޑުކިޔުންތަކަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވަނީ ރައްދު ދެއްވާފަ އެވެ.
މިހާދު ވިދާޅުވީ ބޯޓް ޗާޓަރު ކުރުމަކީ އެ ކުންފުނިން ކުރިންވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އެހެން އެއާލައިން ތަކުން ވެސް މޯލްޑިވިއަންގެ ބޯޓުތައް ސީޒަން ތެރޭގައި ޗާޓަރު ކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ.
"އެގޮތުން އެ ކުންފުނީގެ ސީޕްލޭން ބޯޓުތައްވެސް އަމިއްލަ އެއާލައިންތަކުން ޗާޓަރު ކުރެ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ އަމިއްލަ އެއާލައިންތަކުގެ ބޯޓްތައް ޗާޓަރު ކޮށްގެން މިކުންފުނިން ދެމުންގެންދާ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވޭ،" މިހާދު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ބޮޑު ގެއްލުމަކާ ވެސް ކުރިމަތިވެފަ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 99.6 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 25.3 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ.
މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ބަލާނަމަ އެ ކުންފުންޏަށް 124.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. ނަމަވެސް މި އެއާލައިންގެ މާލީ ހާލަތުގެ މައްޗަށް ބަލައި، އޮޑިޓާ ޖެނެރަލް އޮފީހުން 2018 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު 98.7 މިލިއަން ރުފިޔާ ފައިދާ ވެފައިވެ އެވެ. އެ އަހަރު 10 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދެއްކިއިރު 2017 ވަނަ އަހަރު 20 މިލިއަން ރުފިޔާ ޑިވިޑެންޑަށް ދައްކާފައިވެ އެވެ.