ހަސަން ލަތީފް

ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއަކީ މުހިންމު ގައުމެއް: ހަސަން

ރާއްޖޭގެ ހަގީގީ މިނިވަން ކަމަށް އިންޑިއާއަކީ މުހިންމު ގައުމެއް ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުން ފުޅާކޮށް ވަރުގަދަ ކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިނަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

ހަފުތާ ބަންދާ ދިމާކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކ، އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އެ ދެ ރަށުގައި ވަނީ ހިނގާލުންތަކެއް ބާއްވާފަ އެވެ. ތުލުސްދޫ އާއި ގުރައިދޫއަށް ރައީސް ޔާމީން ވަޑައިގެންނެވީ ރަތްކުލައިގެ "އިންޑިއާ އައުޓް" ކެންޕެއިން ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެނެވެ.

އެކަންވީ ސަރުކާރުގެ އިތުރުން ރައީސް ޔާމީނާ ވާދަވެރި ފަރާތްތަކުގެ ފާޑުވިދާޅުވުން އެމަނިކުފާނަށް އަމާޒުވީ ކަމަކަށެވެ.

ރައީސް ޔާމީންގެ ފޮޓޯއަކާއެކު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާއި ހިއުމަން ޓްރެފިކިން އާއި ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީ ކުށްތައް ހިންގާ ނެޓްވޯކުތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާއި ގުޅިފައިވާ އަދި އޭގެން ފައިދާ ނަގާ މީސްމީހުން ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"މި ރާއްޖޭގެ ހަގީގީ މިނިވަން ކަމަށް އިންޑިއާއަކީ މުހިންމު ގައުމެއް،" ހެންވޭރު އުތުރު ދާއިރާގެ މެންބަރަކަށް ވެސް ހުންނެވި ހަސަން ލަތީފު ވިދާޅުވި އެވެ.

ތުލުސްދޫ އާއި ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ވަރަށް ބޮޑަށް ނަފުރަތު ކުރައްވާ ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ދިވެހީންގެ ގާތް އެކުވެރިއެއް ކަމަށާ އެ ގުޅުން ކުރިއަށް އޮތްތާވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދައުވަތު ނުދެނީސް އެ ގައުމުގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި ގާއިމުވެ ތިބުމަކީ ކަންބޮޑުވާ އަދި އެކަމާ ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ.

އެފަދައިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ މިތަން ހިފަންތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

"އެހެންވީމަ މިއީ [ރާއްޖޭގައި ތިބި އިންޑިއާ ސިފައިން] ރާއްޖެ ހިފަން ތިބި ބައެއްތޯ މި ސުވާލު ކުރެވެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ މިތާ ކިހާ ޒަމާނެއް ވަންދެން ތިބި ބައެއްތޯ. ސަރުކާރަކުންނެއް ދައުލަތަކުން ނެތް އެއްގޮތަކަށް ވެސް މި މީހުންނާ ދޭތެރޭގައި އެއްބަސްވެވިފައި ހުރި އެއްބަސްވުންތަކުގައި ކިހާ ފުންމިނަކަށްތޯ ދަތުރު ކުރަނީ އަންގައިދޭކަށް ބޭނުމެއް ނުވޭ. ހުރިހާ ކަމެއް ސިއްރު ކޮށްގެން މިހާތަނަށް ގެންދިޔައީ. އިންޑިއާ ސިފައިން މިތާ ނެތް ކަމަށް ފުރަތަމަ ބުނަމުން ދިޔަައީ. އެކި މަސައްކަތް ކުރުމަށް ފަންނީ ބަޔަކު އައިސް ތިބި ކަަމަށް ފުރަތަމަ ބުނަމުން ދިޔައީ. އެކަމަކު މިއީ މި ސަރުކާރަށް ބަލާއިރު އަޅުގަނޑުމެން ހައިރާންވާންވީ ކަމެއް ނޫން. ދޮގުން އުފެދިފައި އޮތް ސަރުކާރެއް މިއީ. ދޮގުގެ މަތީގައި ދެމި ތިބޭނީ. އެހެންވީމަ މިކަމުގައި ވެސް ހެދީ ދޮގު. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެބަ އެނގޭ އިންޑިއާ ސިފައިން ފައިތިލަ ސާބިތުކޮށްގެން އެބަ ތިބިކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.