ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ހަސީނާ ތަގުރީރު ކުރައްވަނީ

Dec 19, 2021
1

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮތަށް ނިންމަވައިފި އެވެ.

ދައުރުން ބޭރުގައި މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ މެންބަރުންނަށް ފޮނުވާފައިވާއިރު މަޖިލީހުގެ ތަޅުމުގައި ހަސީނާ ތަގުރީރު ކުރެއްވުމަށް ފުރުސަތު އެރުވުމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވެ އެވެ.

މީގެއިތުރުން ވޯޓަށް އަހަންވެފައި ހުރި މައްސަލަތަކަށް ވޯޓަށް އެހުންވެސް މާދަމާ ހެނދުނު 11:00 ޖަހާއިރު ފަށާ ޖަލްސާ އަށް އެޖެންޑާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށް ނިންމީ އޭސީސީގެ މެންބަރުން އެ ކޮމިޝަނުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެން އެ މައްސަލާގައި ގޮތެއް ނިންމުމަށެވެ. ދައުރުން ބޭރުގައި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އަލުން ކޮމިޓީ އަށް ފޮނުވާފަ އެވެ. ކޮމިޓީން އެ ދުވަހު ވަނީ އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަސް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިހާތަނަށް ތަގުރީރުކުރައްވާފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ސިންގް ތަގުރީރުކުރެއްވީ 2011 ވަނަ އަހަރު އެވެ. މޯދީ ތަގުރީރު ކުރެއްވީ ޖޫން 28، 2019 ގައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 22 އިން 23 އަށް ކުރިއަށް ދާނީ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތަކެވެ. އެކަމަނާގެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރާށެވެ. މީގެއިތުރުން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ލޯން ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސް އެނގިފައިވެ އެވެ.

ހަސީނާގެ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލެއްވުމަށް ފަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމާއި އާ އަހަރު ފާހަގަކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ހަސީނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.

ހަސީނާ މި މަހު ރާއްޖެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ހާމަކުރީ މިދިޔަ މަހު ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން ރާއްޖެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ.