ވ. ފެލިދޫގައި ހުންނަ ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ބަދަލު ކުރަން ގޮވާލައި އެރަށު ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖަށް ނުކުމެއްްޖެ އެވެ.
ފެލިދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވީ ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ މިއަދު ކަމަށެވެ. އަދި ވިދާޅުވީ ފެލިދޫ ސްކޫލޫ ހިންގެވުމާ ހަވާލުވެ ހުންނެވި އިންޑިއާ ޕްރިންސިޕަލްގެ މައްސަލަކެއް މީގެ ކުރިން އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށާއި ނަމަވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.
އެހެން އެކަން އޮއްވައި އެ ސްކޫލުގެ ލީޑިން ޓީޗަރު ސަސްޕެންޑް ކުރުމުން އެކަމާމެދު ޕްރިންސިޕަލްގެ ޖަވާބެއް ނުލިބުމުން ބެލެނިވެރިން އިހުތިޖާޖަށް ނުކުތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އިހުތިޖާޖުގައި ފެލިދޫގެ ޒުވާނުން ވެސް ބައިވެރިވެ އެވެ.
"ލީޑިން ޓީޗަރު މި ސަސްޕެންޑް ކުރީ ޕްރިންސިޕަލްގެ ނުފޫޒުން ކަމަށް ބެލެވިފައި އޮތީ. މީގެ ކުރިން ވެސް ޕްރިންސިޕަލް އިތުރު ހަރަކާތްތައް ފަދަ ކަންކަމަށް ހުރަސް އަޅާކަމަށް މައުލޫމާތު ލިބޭ،" ނަސްރުﷲ ވިދާޅުވި އެވެ.
ނަސްރުﷲ އިތުރަށް ވިދާޅުވީ ސްކޫލުގެ ޓީޗަރުންނަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އަދި ކިޔަވައިދޭން މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން ޕްރިންސިޕަލް ބަދަލު ކުރަން ބެލެނިވެރިން ބޭނުންވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަންގެ ބަހެއް ނުލިބުނެވެ. ކުޑަކުޑަ އާބާދީއެއް އޮންނަ ފުލިދޫގެ ސްކޫލުގައި 100 އެއްހާ ދަރިވަރުންނާ އެކު ގްރޭޑް އެކަކުން ފެށިގެން 10 އަކާ ހަމައަށް ކިޔަވައި ދެއެެވެ.
މިދިޔަ އޮގަސްޓުމަހު ހދ. ހިރިމަރަދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަން ވެސް ގޮވާލައި ބެލެނިވެރިން އިހުތިޖާޖުކުރި އެވެ. އަދި ފަހުން އެޑިއުކޭޝަން މިނިސްްޓްރީން ބެލެނިވެރިންގެ އެދުމާ އެއްގޮތަށް އާ ޕްރިންސޕިލަކު އެ ސްކޫލަށް ހަމަޖައްސައި ދިނެވެ.