(ހޯމަ ދުވަހުގެ އަދަދާ ގުޅޭ)
ސައުން: ފޯނަކުން ނުވާނެ! ވަރަށް ބައިވަރު ވާހަކަ ދައްކަން އެބަހުރި. ދެކޮޅު ނުހަދާ! މިރޭ އަހަރެންނާ އެކު ބޭރަށް ދެވިދާނެތަ؟
އާލިޔާ އެއްޗެއް ބުނުމުގެ ކުރިން އާލިޔާގެ ބައްޕަގެ ހުއްދަ ހޯދި ވާހަކަ ބުންޏެވެ. އެހެން ބުނުމުން އާލިޔާ އަށް ލިބުނީ ސިހުމެކެވެ. ގޭމީހުން ގާތުގައި ހުރިހާ ވާހަކައެއް ބުނީ ހެއްޔޭ އެހިއެވެ.
ސައުންނަށް އާލިޔާ ހާސްވަމުން ދިޔަ މިންވަރު ފެނުނެވެ. ބަދަލު ވެގެން ދިޔަ މޫނުގެ ކުލަވަރާއި އެކު ކަން ބޮޑު ވެފައިވާ މިންވަރު ހާމަވިއެވެ. އެހެންކަމުން އިތުރަށް ތަޅުވާލުމުގެ ނިޔަތުގައި ވަރަށް ކޫލުވެފައި ބުންޏެވެ. އާލިޔާގެ ކައިވެންޏަށް ވެސް އެދެފިން. ލޯބިވާ ކަމަށް ވެސް ބުނެފިން އަދި އޮފީހުން ވަކި ނުކުރާނެ ކަމާއި ވަރަށް އަވަހަށް މިގެއިން އާލިޔާ ގެންދާނެ ވާހަކަ ވެސް ބުނެފިން. އޭރު ސައުން ހުރީ ހެޔޮވަރު ވަރަކަށް ހެވިފައެވެ. އާލިޔާ ހަމަހިމޭން ވިއެވެ. ބަސް ހުއްޓުނެވެ. އެއި ތެދެއް ނަމަ މިކަމުން އާލިޔާއަށް ދެން ސަލާމަތް ނުވެވޭނެ ކަން އެނގުނެވެ. މަންމައާއި ބައްޕަގެ މިޒާޖު އާލިޔާއަށް އެނގެއެވެ. އަބަދުވެސް ސައުންނަށް ތަޢުރިފް ކުރާނެއެވެ. އާލިޔާއަށް އެކަހަލަ ފިރިއެއް ލިބުމަށް އެދޭ ވާހަކަ ތަކުރާރުކޮށް ކިޔާނެއެވެ. އެހެން ކަމުން މިކަމުގައި އިތުރު ގޮތެއް ވެސް ހޯދޭނީ ސައުންނާއި ވާހަކަ ދައްކައިގެން ކަމަށް ދެކުނެވެ. ވީމާ ދެކޮޅު ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިސްނުނެވެ. ހަތިޔާރު ބަހަށްޓައި ހަނގުރާމައިން އަމާން ދޭ މީހެއް ފަދައިން ސައުންގެ ނިންމުމާއި އެއް ގޮތަށް މިރޭ ބޭރަށް ދާނެ ކަމަށް ހިތާ ދެކޮޅަށް ނަމަވެސް ބުންޏެވެ.
ނުވައެއް ޖަހާއިރަށް ތައްޔާރު ވުމަށް ބުނެފައި ސައުން އެބުރިދާން ހިގައިގަން ނަމުން އާލިޔާގެ އަތުގައި ހިފާ ބާރުކޮށް ލަމުން ޝުކުރިއްޔާއޭ ބުނެލިއެވެ. އަދި އާލިޔާގެ ކަންފަތް ދޮށުގައި ވަރަށް ސިއްރު ސިއްރުން ވަރަށް ލޯތްބޭ ބުނެލުމަށްފަހު އެނބުރި ދާން ހިނގައި ގަތެވެ. އެ މަންޒަރު ތިރިއަށް ފައިބަން އައި އާލިޔާގެ ކޮއްކޮ ސައިލާ އަށް ފެނުނެވެ. ސައުން ނިކުތުމާ އެކު ސައިލާ ގޭ އެންމެންނަށް ގޮވާ ގެނެސް އާލިޔާ ލަދު ގަންނަވާލިއެވެ. ދޮންތަ ބޭބެ ހާދަ ނައިސް އޭ ބުނެލިއެވެ. މަށަށް ވެސް އެ ކަހަލަ ބައިވެރިއެއް ލިބޭނެ ނަމައޭ ސައިލާ ބުނެލިއެވެ. އާލިޔާގެ މުޅި އާއިލާއަށް ވެސް ސައުން ކަމުދެއެވެ. މަރުޚަބާ! ކިޔަން ތިބީ ތައްޔާރަށެވެ. ދޮން މަންމަ އަކަށް ވުން އެއީ މައްސަލައެއް ނޫން ކަމަށް ވިސްނައި ދިނެވެ. ދިރިއުޅުމަކީ އަޅާލުމާއި، އެހީތެރިކަމާއި، ފައިސާ ކަމަށް ބުނަމުން ދިއައެވެ. އެ ކަންކަން ސައުންގެ ކިބައިގައި ހުރި އިރު އާލިޔާ އިންކާރު ނުކުރުމަށް އާއިލާ އިން އެދުނެވެ.
އާއިލާގެ އެނިންމުން އާލިޔާ އަކަށް ގަބޫލެއް ނުކުރެވުނެވެ. އެއްވެސް މީހަކަށް އެ މީހެއްގެ އަލަތު ކައިވެނި ހަދާން ނައްތާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވީއިރު ސައުން ނަށް ވަކި މިޝްކާގެ މަތިން ހިތް ކެނޑުމަކީ ވާނެ ކަމެއް ކަމަކަށް އާލިޔާ ނުދެކުނެވެ. އަދި އާލިޔާ ދެކެ ސައުން އެ ވަނީ ޚަޤީޤީ ލޯބި ކަމަކަށް ހިތާ ޒަމީރު އެއްބަހެއް ނުވެއެވެ. ހާލަތު މަޖުބޫރު ވުމުން އެހެން މީހެއްގެ ހަމްދަރުދީގެ ހިޔާ ސައުންނަށް ބޭނުން ވަނީ ކަމަށް އާލިޔާ ދެކުނެވެ. އަންހެނަކަށްވެ ހުރެ އެހެން އަންހެނެއްގެ ޖަޒުބާތު ތަކާ މެދު އަނިޔާވެރި ނުވުމަށް ވިސްނިއެވެ. ސައުންގެ އަނބިމީހާގެ ކިބައިގައި ހުރި ނާތަހުޒީބު ވިސްނުން ބަދަލުކޮށް ސައުންގެ އިތުބާރު ލިބޭނެ ގޮތަކަށް ވުން އެދި ހިތާ ހިތާ ދުޢާ ކުރަމުން ދިޔައެވެ. އެންމެން ދިމާކުރުމުން ވަރަށް ލަދުން ހުރެ އެނބުރި ކޮޓަރިއަށް ދިޔައީ އެމީހުންގެ އަނގަދޮށުން އެރުމަކީ އާލިޔާއަށް އެހާ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އެންމެ ރަނގަޅު ގޮތަކީ ރައްދު ނުދީ ހަނު ހުރުން ކަމަށް އާލިޔާ ދެކުނެވެ.
އިރު އޮއްސި އަނދިރި ވަމުން ދިޔަ ވަރަކަށް އާލިޔާގެ ހިތުގެ ހިނގުން ވެސް ދިޔައީ ބާރު ވަމުންނެވެ. ބައެއް ފަހަރަށް ފޮނި އިންތިޒާރެއް ކުރެވޭ ކަމުގެ އިހުސާސްއެއް ވެރި ކުރުވައެވެ. އަނެއްބައި ފަހަރަށް ހިތާ ސިކުނޑީގައި އިތުރު ހައިޖާނެއް އުފެދި މުޅި މިހާ ކަންބޮޑު ވުމެއްގައި ކަސްތޮޅު އެޅުވެމުން ދިޔަ އެވެ. މި ހާސްކަމާ އެކު ކޮންމެ ގޮތެއް ވިޔަސް މިރޭ ސައުންނާއި ބައްދަލު ކުރަން ނިންމިއެވެ. ސައުންގެ ވާހަކަތައް އަޑު އަހަން ތައްޔާރު ވިއެވެ. އެހެން ކަމުން އަށެއް ޖެހީން ސުރެ އާލިޔާ ދިޔައީ ތައްޔާރު ވަމުންނެވެ. ގަޑީގެ ކަށި ކުރިއަށް ދިޔަ ވަރަކަށް އާލިޔާގެ މޭގެ ތެޅުން ވެސް ވީ އިތުރެވެ. އާލިޔާގެ ރަސްމީ ގޮތުގައި އާދައިގެ ލުއި މޭކަޕަކާއެކު ރީތިވެގެން ސައުންގެ ފޯނު ކޯލަށް އިންތިޒާރު ކުރަމުން ދިޔައެވެ. ނުވައެއް ޖަހައިފިއެވެ. މޭގެ ތެޅުމާއެކު ވަގުތު ވެސް ދިޔައި ހިނގަމުންނެވެ. ނުވަގަޑި ފަނަރަ ހިނގި އިރު ވެސް ސައުންގެ ފޯނު ކޯލެއް ނަ އެވެ. އިރު އިރު ކޮޅުން ފޯނަށް ބަލާލައެވެ. ފޯނު ރިންގުވާން ފެށުމާއެކު އާލިޔާގެ ހިތުގެ ހިނގުން ވެސް ލޭގެ ހިނގުމާއެކު ފާލުން ނައްޓަމުން ދިޔައެވެ. ފޯނު ނެގުމުގެ ކުރިން ކާކުގެ ފޯނެއްތޯ ބަލާލި އިރު އާލިޔާގެ ސްކޫލް ދައުރުގެ ބެސްޓް ފުރެންޑް އުލާގެ ފޯނެކެވެ. ސްކޫލު ނިންމާލުމަށް ފަހު މީހަކާއި އިނދެގެން މެލޭޝިޔާ އަށް ދިރި އުޅުން ބަދަލު ކުރިތާ މިއީ ހަތަރުވަނަ އަހަރެވެ. ބެސްޓް ފުރޭންޑްގެ ފޯނު ކޯލެއްކަން އެނގުމުން އާލިޔާގެ ހުރިހާ ހާސްކަމެއް ފިލާ ބޭރަށް ދިއުން މަތިން ވެސް ހަނދާން ނެތިއްޖެއެވެ. ރަނގަޅަށް ހަމަޖެހިލުމަށް ފަހު ހާލު އަހުވާލާއި ރާއްޖެ އައި ކޮން އިރަކު ތޯއާއި ކުޑަ މީހާ ކޮބައި ތޯއާއި ސުވާލު ފުންޏެއް ފައްޗަކަށް އަމުނާލިއެވެ. އުލާ އަނގައިން ބުނާނެ އެންމެ ވަގުތެއް ވެސް ނުދިނެވެ. އުލާ ގެ ދިރިއުޅުމާއި ގުޅޭ މުހިންމު އުސް އަލިތަކާއި އާލިޔާގެ ލައިފާއި ބެހޭގޮތުން ވާހަކަ ދައްކާ ނިންމާލި އިރު ގަޑިން ދިހަގަޑި ތިރީސް ހިނގައި ފިއެވެ. މާދަމާ ދެ މީހުން ބައްދަލު ވާން ވައުދު ވަމުން ވަކިވުމުގެ ސަލާމާއި އެކު ފޯނު ކަނޑާލި އެވެ.
ކުއްލިއަކަށް އާލިޔާ ސައުންގެ މަތިން ހަނދާންވެ ފޯނުން ގަޑި ބަލާލިއެވެ. ދިހަ މިސްކޯލު އޮތެވެ. ސައުންގެ ފޯނުން އައިސްފައިވާ ކޯލެވެ. އޭރު ގަޑިން ދިހަގަޑި ބައިވެފައި ވާތަން ފެނުމުން އާލިޔާ ވަރަށް ކަންބޮޑު ވިއެވެ. އަދި ފޯނު އެންގޭޖު ވުމުން ނުގުޅުމުގެ ސަބަބުން ސައުން ހިތަށް އަރާނެ އެއްޗަކާއި މެދު އަދި މާބޮޑަށް ދެރަވިއެވެ. ކިތަންމެ ދަން ވިޔަސް ސައުންނާއި އެކު ބޭރަށް ދާން ނިންމިއެވެ. ކޮޓަރިން ނުކުމެގެން ގޮސް ދޮރާށި މައްޗަށް ނުކުމެ ބޭރު ބަލާލިއެވެ. ސައުން އައިސް މަޑުކޮށްގެން ހުރިތޯއެވެ. ސައުން ފެންނަށް ނެތުމުން ވަރަށް ކަންބޮޑުވިއެވެ. ދިޔައީ ނޫންބާއޭ ހިތާހިތާ ސުވާލު އުފައްދަމުން ދިޔައެވެ. އެނބުރި ކޮޓަރިއަށް ދިޔައި މާޔޫސްކަން މަތީގައެވެ. އަދި ފޯނު ނަގައި ސައުން ނަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފޯނު ރިންގު ވުމަށް ފަހު ކެނޑިއްޖެވެ. އަނެއްކާ ވެސް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ތިންވަނަ ފަހަރަށް އާލިޔާ ގުޅި އިރު ފޯނު ވަނީ ނިންވާ ލައިފައެވެ. ސައުން ހިތް ހަމަ ނުޖެހޭނެ މިންވަރު އެނގުމުން ދެރަވިއެވެ. އުލާގެ ފޯނު ނުނެގުނު ނަމައޭ ހިތަށް އެރިއެވެ. ސައުން ދެރަވެ ހިތުގައި ޖެހުމަކީ މިހާރު އާލިޔާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ސައުން މާޔޫސް ވެފައިވާ މިދަނޑި ވަޅުގައި އާލިޔާގެ ސަބަބުން އިތުރު ކަމަކާއި ފިކުރުކޮށް ހިތާމަ ކުރަން ޖެއްސުމަކީ އާލިޔާ އެދޭގޮތެއް ނޫނެވެ.
އެރޭގެ ނިދި އާލިޔާއާ ރުޅިވެފައި ވެއެވެ. ހިތާ ނަފުސަށް އިތުރު ވޭނެއް ތަހައްމަލު ކުރަން ޖެހުނެވެ. އިރު އިރު ކޮޅުން ސައުންގެ ފޯނު ހުޅުވާތޯ މަސައްކަތް ކުރަމުން ދިޔައެވެ. ސައުންގެ ފޯނަށް ގުޅަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އޭރު ނީދީގެ އަސަރާއެކު އާ ފުރެމުން ދިޔައެވެ. ސިކުނޑި ވަރު ބަލިވެ އާލިޔާއަށް ނިދީގެ އަރާމުގައި ހަމަޖެހި ލެވުނެވެ. އޭރު ގަޑިން ހަތަރުގަޑި ފަނަރަ ހިނގައިފިއެވެ.
ސައުން އެދުވަހު އެނބުރި ގެއަށް ދިޔައީ އިރު އޮއްސުނު ފަހުންނެވެ. ބޭރަށް ދާން ތައްޔާރު ވުމަށެވެ. ގެއަށް ވަދެ ދަރިންގެ ހާލު ބަލާލުމަށް އެ ކުދިންގެ ކޮޓަރިއަށް ވަން އިރު އެންމެ ހަގު މީހާ ހުން އަތުވެފައި އޮތުމުން ސައުން އިސްކަން ދިނީ ދަރިފުޅު ޑޮކުޓަރަށް ދެއްކުމަށެވެ. އައި ޖީއެމް އެޗަށް ދިޔަ ގޮތަށް އަވަސް ފަރުވާ ދޭ ބައިގައި ދަރިފުޅު އެޑްމިޓް ކުރުމުން އެކަމުގެ ހާސްކަމުގައި ބޭރަށް ދިއުމަށް ކުރި ޕުލޭންގެ މަތިން ހަނދުމަ ވެސް ނެތެވެ. އަވަސްފަރުވާ ދޭ ބައިން ދަރިފުޅު ކޮޓިއަކަށް ބަދަލުކޮށް ހަމަޖެހި ލެވުނު އިރު ނުވަގަޑި ފަނަރަ ހިނގައިފިއެވެ. އޭރު ދަރިފުޅާއެކު މިޝްކާ އެތަނުގައި އިނެވެ. އެހެންވެ ބޭރަށް ނުކުތީ ކޮފީއެއް ބޯލާނަމޭ ހިތާއެވެ. އެވަގުތު މިރެއަށްޓަކައި ކުރި ޕުލޭން މަތިން ހަނދާންވެ ކަންވީގޮތް އާލިޔާއަށް ކިޔައިދީ މައާފަށް އެދުމަށް ޓަކައި ސައުން އާލިޔާގެ ފޯނަށްގުޅަން ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވަނީ އާލިޔާގެ ފޯނު އެންގޭޖު ވެފައި ވާތީއެވެ. އިތުރަށް ހާސްވީ ގަޑި އެއްގެ އިރު ވީއިރުވެސް އާލިޔާގެ ފޯނު އެންގޭޖު ނުފިލާ ހުރުމުންނެވެ. އެހާ ދިގު ފޯނު ކޯލެއްގައި އާލިޔާ ހުރުމުން އިތުރަށް ސައުންގެ ހިތް ހާސް ވިއެވެ. އެހެން ނަމަވެސް ދަރިފުޅުގެ ހާލު ހުރި ގޮތުން އަމިއްލަ ޖަޒުބާތުތައް ޖެހުނީ ހިފަހައްޓާލައިގެން ހުންނާށެވެ.
ފަތިސްނަމާދު ބަންގި ގޮވިއިރު ވެސް ސައުން ހުރީ ދަރިފުޅުގެ ކައިރީގައި ހޮސްޕިޓަލުގައެވެ. ސައުން ހުރީ އާލިޔާ ބޭރަށް ގެންދަން ތައްޔާރު ކުރުމަށްފަހު ކުރި ޕްލޭން ފޭލު ވުމުން ދެރަވެފައެވެ. އެއަށް ވުރެ ބޮޑަށް ދެރަވެފައި ހުރީ ދަރިފުޅުގެ ހުން ވިހެނުލާތީއެވެ. މިވަގުތު މިޝްކާއާ އެކު ހޮސްޕިޓަލުގައި ސައުން ހުރި ނަމަވެސް މިޝްކާއާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. ނުދަންނަ ދެބީރައްޓެހިން ފަދައެވެ. އިރުއިރު ކޮޅުން މިޝްކާ ސިއްރުން ސައުންނާއި ދިމައަށް ބަލާލައެވެ.
ރޭގައި ކަންތައް ހިނގާ ދިޔަ ގޮތުން އާލިޔާ ހުރީ ވަރަށް ކަންބޮޑު ވެފައެވެ. ނިދުނުލެއް ލަސްކަމުން އޮފީހަށް ދާ ގަޑިއަށް އާލިޔާ އަކަށް ނުހޭލެވުނެވެ. އާލިޔާއަށް ހޭލެވުނީ މަންމަ އައިސް އާލިޔާ އަށް ގޮވާއަޑަށެވެ. ލޯ ހުޅުވާ ލުމާއެކު އާލިޔާ ލައިގެން އޮތް ހެދުމާއި ކޮޓަރި ތެރެއަށް ނަޒަރެއް ހިންގާލިއެވެ. ގަޑިން ވީއރާ މެދު ސުވާލު އުފެދި ކުއްލި އަކަށް އޮފީސް މަތިން ހަނދާންވެ ފުންމައިގެން ތެދުވެވުނެވެ. އަދި ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް ފެންވަރައިގެން ނުކުމެ އަތް މަތި އަވަސް ކޮށްލައިގެން ދިހަ ވަރަކަށް މިނިޓްގެ ތެރޭގައި ތައްޔާރުވެލިއެވެ. މަގުމަތިން ޓެކުސީއެއް ނަގައިގެން އޮފީހަށް ދިޔައެވެ. އާލިޔާ އޮފީހަށް ވަދެގެން އަންނަތަން ފެނުމުން އޮފީހުގެ ގިނަ މުއައްޒަފުންގެ މޫނު މަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އެހެން މީހުނަށް މާބޮޑު ސަމާލު ކަމެއް ނުދީ ކެބިންގެ ތެރެއަށް ގޮސް ހަމަޖެހިލިއެވެ. އަދި ކުރީ ދުވަހަށް ނިންމަށް ހުރި ބައެއް މަސައްކަތް ތައް ނިމިފައި ހުރިތޯ ޗެކު ކޮށްލުމަށްފަހު ނަވާލުއަށް ގުޅިއެވެ. ނަވާލު އައިސް އާލިޔާގެ ކެބިންގެ ތެރެއަށް ވަންނަމުން "އަހަރެން ހީކުރީ ދެން އާލިޔާ އޮފީހަށް ނާންނާނެ ކަމަށް އެކަމާ މިހުންނަނީ ވަރަށް ދެރަ ވެފައެވެ. ދެމީހުން ރާވައިގެންތަ ތިޔަ އުޅެނީ މިއަދު ސައުން ވެސް ނުދުރުވޭ! އިއްޔެ އާލިޔާ ނާދޭ! މިވާ ގޮތެއް ނޭނގެ. މަށަށް ވެސް ތިޔަ ހިންގާ ނުރަސްމީ ޕޮރޮޖެކުޓުގެ މައުލޫމާތު ކިޔައި ދީބަލަ! ނަވާލު އެހެން ބުނުމުން އާލިޔާގެ ތުންފަތް މައްޗަށް ރަކި ހިނިތުން ވުމެއް ވެރި ވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ސައުން އޮފީހަށް ހަމަ ނުދުރުވޭހޭ ތަކުރާރުކޮށްލިއެވެ.