ރާކީ ސާވަންތުގެ ފިރިމީހާ އާ ބެހޭ ގޮތުން ދެކެވޭ ތަފާތު ވާހަކަތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15"ގެ ބައިވެރިން ތިބޭ ގެއަށް ރާކީގެ ފިރިމީހާ އޭ ކިޔާފައި ވައްދާފައި ވަނީ ރިތޭޝް ކިޔާ މީހެކެވެ. މީގެ ކުރިން ރާކީ އުޅުނީ އޭނާގެ ފިރިމީހާ އެއްވެސް މީހަކަށް ނުދައްކަ އެވެ. ނަމަވެސް ރިތޭޝް ވަނީ ރާކީގެ ފިރިމީހާގެ ނަމުގައި ބިގް ބޮސްގައި ބައިވެރިވެފަ އެވެ. އެއާއެކު މިއީ ހަމަ ހަގީގަތުގައި ވެސް ރާކީގެ ފިރިމީހާ ތޯ މީހުން ސުވާލު ކުރަން ފެށި އެވެ.
މި ޝައްކުތައް އިތުރުވާން ފެށީ ރިތޭޝްގެ އަންބެއް ކުރިން ވެސް ހުންނަކަން އެނގުނު ހިސާބަކުންނެވެ. ސްނިގްދާ ޕްރިޔާ ނަމަކަށް ކިޔާ މީހަކު އިންޑިޔާގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ އޭނާއަކީ ރިތޭޝްގެ އަންހެނުން ކަމަށާއި އެމީހުންގެ ހަ އަހަރުގެ ފިރިހެންކުއްޖެއް ވެސް އެބަހުރި ކަމަށެވެ.
އެއާއެކު ރާކީ އާއި ރިތޭޝްގެ ކައިވެނީގެ ސައްހަ ކަމާ މެދު އިތުރަށް ސުވާލު އުފެދުނެވެ. އަދި ރާކީ ކަހަލަ ބޮޑު ސެލެބްރިޓީއަކާ ރިތޭޝް އަށް ބައްދަލުވީ ގޮތާ މެދު ވެސް އޭނާގެ ފުރަތަމަ އަނބިމީހާ ސުވާލު އުފެއްދި އެވެ. އަދި އޭނާއަކީ އިންޑިއާއިން ބޭރު ގައުމެއްގައި ދިރިއުޅޭ އިންޑިޔާ މީހެއް ކަމަށް ބުނެ ރިތޭޝް ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާގެ ޕްރިޔާ ބުންޏެވެ.
"އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ ރިތޭޝް ކިހިނެއް ކަމަށް ރާކީ ކަހަލަ ބޮޑު ސެލެބްރިޓީއަކާ ކައިވެނިކުރީ. އަހަންނަށް ހީވަނީ އެއީ ދޮގެއް ހެން. އަދި އޭނާއަކީ ބޮޑު ކުންފުންޏެއް ހިންގާ މީހެއް ކަމަށާއި އިންޑިއާއިން ބޭރު ގައުމެއްގައި ދިރިއުޅޭ އެންއާރްއައި އެއް ކަމަށް ބުނެ ވެސް ރިތޭޝް ހަދަނީ ދޮގު. ރާކީގެ ފިރިމީހާގެ ގޮތުގައި އޭނަ ކިހިނެއް "ބިގް ބޮސް 15ގައި ބައިވެރިވާނީ. އޭނަ އާ އިނދެގެން އަހަރެން އުޅެނީ އަދިވެސް. އޭނަ އަހަރެން ވަރިއެއް ނުކުރޭ. ދެ މީހުންނާ އެއް ފަހަރާ ކައިވެނި ކޮށްގެން އުޅުން އިންޑިޔާގެ ގާނޫނުތައް ހުއްދައެއް ނުކުރޭ،" ޕްރިޔާ ބުންޏެވެ.
ރިތޭޝް އަކީ ވަރަށް އަނިޔާކުރާ ފިރިއެއް ކަމަށް ވެސް ޕްރިޔާ ބުނެފައި ވެއެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ހަފުތާގައި ބިގް ބޮސްގެ ގެއިން ބޭރުކޮށްލާ ބައިވެރިންގެ ތެރޭގައި ރިތޭޝް ހިމެނެ އެވެ.