އަލީ އާޒިމް

ރައީސް ޔާމީންގެ މަގުސަދަކީ ދަތިކުރުން: އަލީ އާޒިމް

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި މިހާރު ހިންގަވަމުންދާ "އިންޑިއާ އައުޓް" ގެ ހަރަކާތުގެ މަގްސަދަކީ ދިވެހި ރައްޔިތުންނަށް ދަތިކުރުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑިރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ރުހުން ދޭން މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގަ އެވެ.

އާޒިމް ވިދާޅުވީ ފަހަކަށް އައިސް ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކަށް ނުކުންނަވައި ރައްޔިތުންނަށް ތަކުލީފަކަށް ވާނެ ގޮތަށް އަމަލުތަކާއި ބަސްތައް ބަހައްޓަވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

"އެމަނިކުފާނު އެ ކުރައްވަނީ އަޅުގަނޑުމެންގެ އާދައިގެ ރައްޔިތުންނަށް އުނދަގުލައް ތަކުލީފެއް ދަތިކަން، އެކަންތައް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް." އާޒިމް ވިދާޅުވި އެެވެ.

ރައީސް ޔާމީންގެ މައްޗަށް އެކި މައްސަލަތަކުގައި ދައުވާ އުފުލާފައިވާ އިރު އަވައްޓެރި ގައުމުތަކާ ޖައްސައި ރައްޔިތުން އެ ގައުމުތަކަށް ދިއުން ހުއްޓުވައި އެ ގައުމުތަކުން ހިދުމަތްތައް ލިބުން ހުއްޓުވައި އެ ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސް ޔަމީން މަސައްކަތް ކުރައްވާ ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ. އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށް ދަށުދަރަޖައިގެ ވިޔާ ނުދާ އަމަލެކެވެ.

"އަޅުގަނޑު ގޮވާލަން އެފަދަ އަމަލުތައް ހުއްޓައި އަދި މީގެ ކުރިން ކޮށްފައިވާ މިސާލަކަށް ކޮމަންވެލްތުން ވަކިވުން އަދިވެސް އެހެން ގައުމުތަކާ ދުރުވުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިފައިވާ ދަތި އުނދަގޫ ނިކަމެތި ކަންކަމުން ސަލާމަތްވާނެ ގޮތްތައް ހޯދަން ޖެހޭތީ މިފަދަ ކަންކަން ނުކުރުމަށް" އަލީ އާޒިމް ވިދާޅުވި އެެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި "އިންޑިއާ އައުޓް"ގެ ހަރަކާތްތައް ރަށްރަށަށް ވެސް ފުޅާކުރަމުންދާ އިރު ސަރުކާރުންނާއި އަދި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދަނީ މި ކެމްޕޭންއަށް ވަރަށް ބޮޑަށް ފާޅުވިދާޅުވަމުން ނެވެ.