އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ މޮނިޓަރިން އުވާލާން އެދެފި

Dec 20, 2021

މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން އައްޑޫ ސިޓީއަށް ގެއްލުންތަކެއް ލިބެމުންދާތީ އެ އަތޮޅުގެ ރަށްރަށަށް އޮތް މޮނިޓަރިން އުވާލަން ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދިއްޖެ އެވެ.

އައްޑޫގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އެ ސިޓީ މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މޮނިޓަރިން އުވާލަން އެޗްޕީއޭގައި އެދުނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ވިދާޅުވީ އައްޑޫގައި ކޮވިޑް ބަލީގެ މީހުން ތިބި ނަމަވެސް ހާލަތު ގޯސްވަމުން ނުދާ ކަމަށެވެ. އެހެންކަމުން މިހާރު އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޮވިޑްގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ނުފެންނާތީ މޮނިޓަރިން އުވާލަން އެދުނީ ކަމަށެވެ.

"އައްޑޫ މިހެން މޮނިޓަރިންގައި އޮންނަތާ ގާތްގަނޑަކަށް ހަތަރު މަސްވީ. ހާލަތު މިހާރު ގޯސް ކަމަކަށް ނުފެނޭ،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫގައި ކޮވިޑް ފެތުރިފައި ވާތީ ކާފިއުގެ ވަގުތެއް ކަނޑައެޅުމުގެ އިތުުރުން ގޭގެއަށް ޒިޔާރަތް ކުރުން މަނާކޮށް، ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އަންގާފަ އެވެ. ކާފިއު ހިންގަނީ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

އައްޑޫގައި މިހާތަނަށް 2،937 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާއިރު 2،869 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އައްޑޫގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދާ 56 މީހަކު ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.