މިނިސްޓްރީ އޮފް ހެލްތު

އިންޑޮނީޝިއާ އިން ސިއްހީ އެހީ ހޯދަން ސޮއިކޮށްފި

Dec 20, 2021

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީއާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ. އިންޑޮނީޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސައިކިން އެވެ.

މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއަރ، ސެކަންޑަރީ ކެއަރ، ހެލްތު ރެޖިލިއެންސް، ހެލްތު ފިނޭންސިން، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެ ގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މި އެއްބަސްވުމުގެ ދަށުން އިންޑޮނީޝިއާ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.