ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮބިޗުއަރީ

ކޮވިޑްގެ އާލާސްކަންފުޅުގައި އުމަރު ޒާހިރު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު ދެންމެ އަވަހާރަވެއްޖެ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 85 އަހަރެވެ. އުމަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އޮކްޓޫބަރު 26، 1936 ގައެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދިވެހީންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. މިދިޔަ ހަފްތާއިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އުމަރު ޒާހިރު ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ. ކޮވިޑްގެ އާލާސްކަންފުޅާ ގުޅިގެން ހާލުކޮޅު ވަރަށް ސީރިއަސްވެ އެތައް ފަހަރަކު ފަރުވާދޭން ޖެހިފައިވެއެވެ.

ކޮވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ގައުމީ ހިދުމަތުގައި ވަރަށް ޝަރަފުވެރި ތާރީހެއް އޮތް އަދި މި ފަހުން ރާއްޖެ ދުށް އެންމެ ބޮޑު އެއް ހިދުމަތްތެރިޔާ މިއަދު އަވަހާރަވީއިރު ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަަޑައިގަތުމާއި ހަމައަށް ގައުމީ ބޮޑެތި ހަރަކާތްތަކާއި ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ދާދި ފަހުން އެމަނިކުފާނު ވަނީ ޏ. ފުވައްމުލަކު ސިޓީއަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އެ ސިޓީގައި އުމަރުގެ އަމިއްލަފުޅު ޚަރަދުގައި ބިނާ ކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އުމަރު ޒާހިރު ވަނީ އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ އާއި މަޖީދިއްޔާ ސުކޫލުގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ ކަމާއި ބަނޑޮސް ރިސޯޓްގެ މެނޭޖަރު ކަމާއި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ކަމާއި ހޯމް މިނިސްޓަރުގެ ނާއިބު ކަމާއި 1980 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް މާލެ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާފައެވެ.

ވަރަށް ގިނަ މިނިސްޓްރީތައްވެސް އެމަނިކުފާނު ހިންގަވާފައިވެއެވެ. އެގޮތުން 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމައަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ކަމާއި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ހިމެނެއެވެ. ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ. އެއީ 1983 ވަނަ އަހަރުން 1988 އަށް އަދި 1988 ވަނަ އަހަރުން 1993 ވަނަ އަހަރަށް އަދި 2004 ވަނަ އަހަރުން 2005 ވަނަ އަހަރަށެވެ.

މާލެ ސިޓީގެ ތަރައްގީ އާއި ހުޅުމާލެ ހިއްކާ އެ ރަށް އާބާދުކުރުމަށް ހިންގި ބޮޑު މަޝްރޫއުގެ މޭސްތިރިއަކީވެސް އުމަރު ޒާހިރެވެ.

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

އަވަސްއާ ދެންމެ ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ގައުމަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ރައީސް މައުމޫން ސިފަ ކުރެއްވި ގޮތުގައި ދިވެހީންނާއި މިއަދު ވަކިވެވަޑައިގެންނެވީ މި ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބޮޑު އެއް ހިދުމަތްތެރިޔާއެވެ.