ދުނިޔެ

އަފްޣާން ބަދުނާމް ކުރައްވާނެ ކަމެއް ނެތް: ކަރުޒާއީ

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން އަފްޣާނިސްތާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް އަފްޣާންގް ކުރީގެ ރައީސް ހާމިދު ކަރުޒާއީ ރައްދު ދެއްވައިފި އެވެ.

ހާމިދު ކަރުޒާއީ ވިދާޅުވި ގޮތުން އިމްރާންގެ މަގުސަދަކީ އަފްޣާންގައި ފިތުނަ އުފެއްދުމެވެ. އޭނާ އަދި ވިދާޅުވީ އިމްރާން ދެއްކެވި ވާހަކަތަކުން އަފްޣާން ރައްޔިތުންނަށް ގަދަރެއް ނެތްކަން ސާބިތުވާ ކަމަށެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އަފްޣާނިސްތާނާ ބެހޭ ގޮތުން ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ތައުލީމް ހޯދަން އަންހެން ޖިންސަށް ފުރުސަތު ނުދިނުމަކީ އަފްޣާންގެ ސަގާފަތެއް ކަމަށެވެ. އަދި އެކަން އެ ގައުމުގެ ތާރީހުން ވެސް އެނގެން އޮތް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި އީރާގާއި ސީރިއާގައި ހަރަކަތްތެރިވާ ހަނގުރާވެރި ގުރޫޕްތައް، ހާއްސަކޮށް އައިސިސް-ކޭ އަކީ އަފްޣާންގައި މުރާލި ޖަމާއަތެކެވެ. އަދި އެ ޖަމާއަތު ނުރައްކާ ޕާކިސްތާނަށް ވަރަށް ބޮޑު ކަމަށެވެ.

ހާމިދު ކަރުޒާއީ ބަޔާނެއް މެދުވެރިކޮށް ވިދާޅުވީ އައިސިސް-ކޭ ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ވާހަކަ އިމްރާން އެ ވިދާޅުވީ ނުބައިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އޮތީ އިމްރާން ވިދާޅުވި ގޮތަށް ނޫން ކަމަށާއި އައިސިސް-ކޭ ހަރަކާތްތެރި ވަނީ ޕާކިސްތާންގައި ކަމަށެވެ. އަދި އެ ޖަމާއަތުގެ ނުރައްކާ އަފްޣާނަށް ވަރަށް ބޮޑު ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ދެއްކެވި ވާހަކަތަކާ ގުޅިގެން ނޯވޭގައި ކުރިން ހުންނެވި އަފްޣާން ސަފީރު، ޝުކުރިއަތު ބަރުކިޒާއީ ވެސް ބަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމްރާން އެހުންނެވީ އަފްޣާން ރައްޔިތުން ކުޑައިމީސް ކުރައްވާފައި ކަމަށެވެ.

ބަރުކިޒާއީ ވިދާޅުވި ގޮތުގައި އަފްޣާންގެ ތާރީހާ ބެހޭ ގޮތުން އިމްރާންއަށް އެނގި ވަޑައިގަންނަވާ ނަމަ އަންހެން ކުދިންނާ ބެހޭ ގޮތުން ވިދާޅުވާން ޝަރަފުވެރި ލަފްޒުތަކެއް ލިބިވަޑައި ގެންފައި ހުންނާނެ ކަމަށެވެ.

އަފްޣާންގައި މިހާރު ވެރިކަންކުރާ ތާލިބާނުން ސަރުކާރުގެ އިންތިގާލީ ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަގީ ވިދާޅުވި ގޮތުގައި ޕާކިސްތާންގެ ބޮޑުވަޒީރު އާމިރުޚާން، އަފްޣާން އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ދެއްކެވީ އަގުވައްޓާލަން ދެއްކެވި ވާހަކަތަކެއް ނޫނެވެ. އެއީ އެމަނިކުފާނު ހުށަހެޅުއްވި ޚިޔާލުފުޅެކެވެ.