މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހަ ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

Dec 20, 2021
3

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

މި މޮޑެލްގެ ދަށުން އެއާޕޯޓް އަޅާ ރަށްތަކާއި ހިނގާ ހަރަދުތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

ޕްލޭނިން މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހެ އެވެ.

ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ އެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މިއަދު އަލުން އިއުލާންކުރިއިރު ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓަކީ މުޅިން އަލަށް އިއުލާންކުރި ދެ އެއާޕޯޓެވެ. ނަމަވެސް މީގެކުރިން މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ވިލުފުށީގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާންކުރި އެވެ. އެ އިއުލާނާ ގުޅިގެން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެެވެ.

ސަރުކާރުން މިހާރު ވެސް ގެންދަނީ މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އަހަރު ރ. އަލިފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.