މިއަދު އަވަހާރަވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިހާ ޒާހިރާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ އާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވިއެވެ.
އުމަރު ޒާހިރަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި އަދި ގައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.