ވިޔަފާރި

ކޮންސިއުމާ ފެއާ މާދަމާ ހުޅުވަނީ: ފެއާގައި ގިނަ ހަދިޔާތަކެއް

Dec 14, 2015
  • ކޮންސިއުމާ ފެއާ ހުޅުވަނީ މާދަމާ ހަވީރު
  • ފެއާގައި ގިނަ އުފެއްދުންތަކެއް ދައްކާލަން ހުރޭ
  • އަގު ހުރި ގިނަ އިނާމުތަކެއް ލިބޭ

ބްލަކް އިން ބާއްވާ ކޮންސިއުމާ ފެއާ މާދަމާ ހުޅުވާނެ ކަމަށާއި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ހަދިޔާތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ބާއްވަމުން ގެންދާ، ބްލަކް ޕްރައިވެޓް ލިމިޓެޑުން ބުނި ގޮތުގައި ހަތަރު ވަނަ ކޮންސިއުމާ ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓްގެލަރީގަ އެވެ. މި އަހަރުގެ ފެއާ އޮންނަނީ 15- 17 އަށެވެ. އަދި މި ފެއާގައި 19 އަށްވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް ބްލަކުން ބުނެފައިވެ އެވެ.

"ފެއާގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފު ކުރުމާއި ހިދުމަތްތައް ދައްކާލުންވެސް އޮންނާނެ އެވެ. ކޮންސިއުމާ ފެއާގައި މުދާ ގަންނަ ފަރާތްތަކަށް ސަޕްލަޔަރުންނާ ސީދާ ބައްދަލުވެ ވާހަކަ ދެއްކޭނެ މާހައުލެއް އޮންނާނެ އެވެ،" ބްލަކުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮންސިއުމާ ފެއާ ބޭއްވުމުގެ މަގުސަދަކީ މުދާ ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. މި ފެއާގައި ގިނަ އުފެއްދުންތަކެއް ދައްކާލާނެ ކަމަށް ބްލަކުން ބުނެފައިވެ އެވެ.

މި އަހަރުގެ ކޮންސިއުމާ ފެއާ ހުޅުވިފައި ހުންނާނީ މާދަމާ 4.30 އިން 11.00 އަށް އަދި އެހެން ދުވަސް ދުވަހު ދޭކުން ރޭގަނޑު 11.00 އަށެވެ.