ޕީޕީއެމް

ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ބާއްވަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްއިން ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވަން ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

ޕީޕީއެމްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްރައިމަރީ ބާއްވާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށާއި ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅިގެނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ހުސެއިން ވަހީދު އަވަހާރަވީ އުމުރުން 53 އަހަރުގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި މި ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.