މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިންޑިއާގެ ވައިގެ ނުސާފުކަން ރާއްޖެއަށް

މި ދުވަސްވަރު ރާއްޖޭގެ ޖައްވު ނުސާފްކޮށް ފެންނަނީ އިންޑިއާގެ ހިމާލިއަން ސަރަހައްދުގެ ހިރަފުހާއި، ދުން، ވަޔާއެކު ރާއްޖެއަށް އަންނާތީ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

ރާއްޖޭގެ ޖައްވު މި ދުވަސްވަރު އާދަޔާ ހިލާފަށް ނުސާފްވެ ފުސްވެފައިވާ މަންޒަރު ފެނެ އެވެ. ގިނަ ބަޔަކު ހީކުރަނީ އެއީ ދުންފިނީގެ އަސަރު ކަމުގަ އެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން މިއަދު ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލަވަމުންދާ މި ދުވަސްވަރުގައި ހިމާލިއަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރަމުންދާ ކަމަށެވެ.

އޭގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފްވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށެވެ. އެގޮތުން އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯ މީޓަރަށް ވުރެ އިތުރު ނަމަވެސް، މި ދުވަސްވަރު އުތުރާއި މެދު ރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު 5-4 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

ޖައްވު ނުސާފުވެފައިވާ ކަމަށް ބޮޑަށް ފާހަގަކުރެވޭނީ ޑިސެންބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމުގައި މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށާއި އެހެންވެ ރައްކާތެރިވުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ. އަދި ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފްތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ވެސް ބުނެފައި ވެއެވެ.