މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ރާއްޖެއަށް ދެ ކޮޅިގަނޑެއްގެ ނުރައްކާ

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށާ މެޓް އޮފީހުން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ. މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް ވަނީ އުފެދިފައެވެ.

މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރި ފަށާ ކައިރި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އޮފީހުން ބުނީ މި ކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށެވެ.

އަަދި ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާ ލަފާ ކުރެވޭ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ބެލެވޭ ކަމަށެވެ.

"މި ނިޒާމުތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެ ކަމަށް ބެލެވޭ އަސަރުތައް މި އޮފީހުން އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމު ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ،" މެޓްގެ ބަޔާނުގައިވެއެވެ.

މިދިޔަ ދެ ދުވަހު މާލެ ސަރަހައްދަށްވެސް ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށްވާރޭވެހި ވައިގަދަވެފައިވެއެވެ.