ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ފުލުހުންގެ ކިބައިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މާލެ މެންބަރުންނާއެކު މިއަދު އޮތް ބައްދަލްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީން ކެމްޕެއިން ކުރައްވާނެ ގޮތް ރައީސް ނަޝީދާއި ފުލުހުންނަށް ނޭނގޭނެ ކަމަށެވެ. އަދި ޓީޝާޓްގައި ނަން ޖަހާނެ ގޮތުގެ ލަފާ ރައީސް ނަޝީދު ދެއްވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.
ކުރީން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވަނީ ފުލުހުންނަށް ނަޝީދު އަމުރުކުރުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"އުނދަގޫވެގެން އަރިމަތީގައި/ފުރަގަހުގައި އިންޑިއާ އައުޓް ޖަހަން ނަޝީދު ލަފާ ދޭނެ ކަމެއް ނެތް. އަދި ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅޭ ގޮތަށް ފުލުހުންނަށް މިއަދު ނަޝީދު އަމުރުކުރުން ހުއްޓާލަން ޖެހޭ،" ޖަމީލް ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު އެދިވަޑައިގަތީ އެމްޑީޕީގެ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ސަލްޓަންޕާކްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ.
ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަން ޖެހިއްޖެނަމަ އުދަނގޫވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ލަދުން ޕީޕީއެމްގެ މެންބަރުން ސަލާމަތް ކުރުމަށްޓަކައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން ނިކުމެ އެ ހަރަކާތް ހުއްޓުވަން އެދިވަޑައިގެންފަ އެވެ.
"އިނގިރޭސި ބޮޑުވަޒީރަށް ފްރާންސް އައުޓް ޖަހައިގެން ލަންޑަން މެދުގައި ވެސް ނުހިނގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.