ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގައި އިންޑިއާގެ ސިޔާސަތައް ތާއީދެއް ނެތް: ރައީސް ޔާމީން

ރާއްޖޭގައި އިންޑިއާގެ ސިޔާސަތައް ތާއީދެއް ނެތް ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ފެށި "ބާކީ ނުވޭ" ކެމްޕެއިންއަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވަނީ މަދު ބައެއް ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ބާލަން ގޮވާލާ ހިންގާ ކެމްޕެއިނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެފައި ވަނިކޮށް ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިޔާސަތަށް އެއްވެސް ތާއީދެއް ނެތް މަންޒަރު ފެންނަމުންދާ ކަމަށެވެ. އެ މަންޒަރު ވަރަށް ވޭނީ ގޮތަކަށް އިންޑިއާއަށްވެސް އިހުސާސް ކުރެއްވޭނެ ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް މިހާރު ފެށިފައިވާ "ބާކީ ނުވޭ" އޮންލައިން ކެމްޕެއިންއަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި "ބާކީ ނުވޭ" ނަމުގައި އިންޑިއާގެ ދިފާއުގައި ފެށި ހަރަކާތް މިހާރު ވެސް އޮތީ ކަފުންވެ ވަަޅުޖެހިފައެވެ. އަދި އެ ހަރަކާތް "މަރުވީ" މުޅީން ފަށައިނުގަނެވި އުޅެނިކޮށް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އެމަނިކުފާނު ވަނީ ދިވެހީންގެ އެންމެ ބޮޑު ސަމާލު ކަމެއް އޮތީ އެ ހަރަކާތަށް ކަމަށެވެ.
މުޅި ޤައުމު މިވަގުތު އިލްތިޒާމުވެ ފުރިހަމަ ސަމާލުކަން ދީގެން ކުރާ މަސައްކަތަކީ ކަމަކީ "އިންޑިއާ އައުޓް" ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތާ ދެކޮޅަށް ފަށާ ހަރަކާތްތަކަށް ތަރުހީބު ނުލިބި، ރަނގަޅަށް ފަށައިނުގަނެވެނީސް ކަފުންވެ ވަޅުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ވޭނާއެކު އިންޑިއާއަށް މިއަދު ފެންނާނެ މަންޒަރަކީ ދިވެހިރާއްޖޭގައި އެ ޤައުމުގެ ސިޔާސަތަށް ތާއީދު ނެތް މަންޒަރުކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިޔާސަތައް ތާއީދެއް ނެތް ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ފެށި "ބާކީ ނުވޭ" ކެމްޕެއިންއަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވިއިރު ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި ސިޔާސީ ވެރީން ސިޔާސީ ބޭނުމަށްޓަކައި ދިވެހީން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރެއްވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ވާނެ އެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހީންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިިތުވަނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމުން ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.

މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ކުރީން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން އިންޑިއާ އިން އެހާ ވަރަށް ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ "ޖަރީމާ" ތައް ފޮރުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ "ޖަރީމާ" ތައް މުޅި ދުނިޔެއަށް ހާމަ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މިހާވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް ފިތިފަ ބާރުވެފައި އެ ތިބީ،" ރައީސް ޔާމީން ވިދާޅުވިއެވެ.