ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާންމު މެންބަރުންނަށް ރައީސް ޔާމީންގެ ވާދަވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މި ކަމަށް ގޮވާލެއްވީ މިއަދު މެންދުރު ކުރީ ކުރެއްވި ޓްވީޓެއް މެދުވެރިކުރައްވައެވެ.
ނަޝީދު ވިދާޅުވީ ރަައީސް ޔާމީން، އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހީންނަށް ގެއްލުން ދޭނެ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމް ގެ މެންބަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އިންޑިއާގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ އަދި އެ ގައުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.
ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ. އަދި މީދޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ނިންމަވާފައެވެ.
އެ ހަރަކާތަށް ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސް ޔާމީން ހުންނަވާ "އިންޑިއާ އައުޓް" ލިޔެފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުުރުކުރައްވައިގެންނެވެ.
މި ކެންޕެއިން ހުއްޓުވުމަށް ސަރުކާރުން އެކި ގޮތްގޮތުން ތަފާތު މަސައްކަތް ކުރިނަމަވެސް ރައީސް ޔާމީން ލީޑުކުރައްވަން ފެއްޓެވި ހިސާބުން އެ ހަރަކާތުގެ ފޯރި ގަދަވެ ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.