އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި ނަމަވެސް އަދި އެ ހަރަކާތް ހުއްޓުވައި ދިނުމަށް ފުލުހުންނާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދުނު ނަމަވެސް އެ ހަރަކާތް ދާނީ ކުރިއަށް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު އެދިވަޑައިގަތީ އެމްޑީޕީގެ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ސަލްޓަންޕާކްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ.
ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަން ޖެހިއްޖެނަމަ އުދަނގޫވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ލަދުން ޕީޕީއެމްގެ މެންބަރުން ސަލާމަތް ކުރުމަށްޓަކައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން ނިކުމެ އެ ހަރަކާތް ހުއްޓުވަން އެދިވަޑައިގެންފަ އެވެ.
"އިނގިރޭސި ބޮޑުވަޒީރަށް ފްރާންސް އައުޓް ޖަހައިގެން ލަންޑަން މެދުގައި ވެސް ނުހިނގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކިތަންމެ "ހަޖަމު" ނުވިޔަސް "އިންޑިއާ އައުޓް" ކެންޕެއިން ދާނީ ކުރިއަށް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ވިދާޅުވި ވިދާޅުވުމަށްވެސް ހީނާ ރައްދު ދެއްވިއެވެ.
"ރައީސް ޔާމީން ދެންވެސް ހުންނަވާނީ 'އިންޑިއާ އައުޓް' ޓީޝާޓް ގައި،" ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ މި ގައުމު ހިފަަންތޯ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު މި ސުވާލު އަމާޒު ކުރެއްވީ މިހާރު ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން ކ އަތޮޅު ގުރައިދޫގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ހިނގާލުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ހަރަކާތުގައި ބޭނުން ކުރާ "އިންޑިއާ އައުޓް" ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓެއް ތުރުކުރައްވާ ހުންނަވާ ރައީސް ޔާމީންގެ ވާހަކަފުޅު ފެއްޓެވީވެސް ރާއްުޖޭގައި އިންޑިއާ ސިފައިން ތިބުމަށް ރައްޔިތުން ތާއީދުކުރޭތޯ ސުވާލު ކުރައްވަމުންނެވެ. އޭގެ ފަހުން "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ ދެ ތިން ފަހަރަކު އެ ލަފުުޒުތައް ތަކުރާރު ކުރެއްވިއެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިން ފައިބާން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ދިވެހީންގެ ގާތް އެކުވެރިއެއް ކަމަށާ އެ ގުޅުން ކުރިއަށް އޮތްތާވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދައުވަތު ނުދެނީސް އެ ގައުމުގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި ގާއިމުވެ ތިބުމަކީ ކަންބޮޑުވާ އަދި އެކަމާ ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ.
އެފަދައިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ މިތަން ހިފަންތޯވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
"އެހެންވީމަ މިއީ [ރާއްޖޭގައި ތިބި އިންޑިއާ ސިފައިން] ރާއްޖެ ހިފަން ތިބި ބައެއްތޯ މި ސުވާލު ކުރެވެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ މިތާ ކިހާ ޒަމާނެއް ވަންދެން ތިބި ބައެއްތޯ. ސަރުކާރަކުންނެއް ދައުލަތަކުން ނެތް އެއްގޮތަކަށްވެސް މި މީހުންނާ ދޭތެރޭގައި އެއްބަސްވެވިފައި ހުރި އެއްބަސްވުންތަކުގައި ކިހާ ފުންމިނަކަށްތޯ ދަތުރުކުރަނީ އަންގައިދޭކަށް ބޭނުމެއް ނުވޭ. ހުރިހާ ކަމެއް ސިއްރުކޮށްގެން މިހާތަނަށް ގެންދިޔައީ. އިންޑިއާ ސިފައިން މިތާ ނެތް ކަމަށް ފުރަތަމަ ބުނަމުން ދިޔަައީ. އެކި މަސައްކަތް ކުރުމަށް ފަންނީ ބަޔަކު އައިސް ތިބި ކަަމަށް ފުރަތަމަ ބުނަމުން ދިޔައީ. އެކަމަކު މިއީ މި ސަރުކާރަށް ބަލާއިރު އަޅުގަނޑުމެން ހައިރާންވާންވީ ކަމެއް ނޫން. ދޮގުން އުފެދިފައި އޮތް ސަރުކާރެއް މިއީ. ދޮގުގެ މަތީގައި ދެމި ތިބޭނީ. އެހެންވީމަ މިކަމުގައިވެސް ހެދީ ދޮގު. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެބަ އެނގޭ އިންޑިއާ ސިފައިން ފައިތިލަ ސާބިތުކޮށްގެން އެބަ ތިބިކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.