ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަރަށް ނުރައްކާތެރި ކެމްޕެއިނެއް ކަމަށާ އެމަނިކުފާނުގެ ބޭނުންފުޅަކީ ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު މައްސަލަ އާއި ނަފްރަތު އުފެއްދުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރެންދޫ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަން ކަމުގައި ދެމި އޮތީ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާތީ ކަމަށެވެ. ހާއްސަކޮށް އަވައްޓެރިންނާއި ރާއްޖެއިން ބާއްވާ ގުޅުމަކީ މިނިވަން ކަން ދެމި އޮތުމުގެ އެއް ސަބަބު ކަމަށެވެ.
ނަމަވެސް އަވައްޓެރި އިންޑިއާ އާ ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ރައީސް ޔާމީން މިއަދު އެ ހިންގަވާ ހަރަކާތަކީ ވަރަށް ނުރައްކާތެރި ހަރަކާތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ އަލުން ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި އެމަނިކުފާނު ކުރައްވާ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން އިންޑިއާ އައުޓް ކިޔުއްވާފައި އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް، ވަަރަށް ނުރައްކާތެރި ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިގުލާލަށް މިއަށްވުރެ ގެއްލުންހުރި މަސައްކަތެއް އެހެން އެކަކުވެސް ނުކުރޭ. ރައީސް ޔާމީން އެކަށް އެ ކުރައްވަނީ ކަނޑައެޅިގެން އެކަން އެނގިހުރެ. އެ ބޭފުޅާގެ ބޭނުންފުޅަކީ ދިވެހިރާއްޖެ އާއި ބޮޑެތި ގައުމުތަކާއި ދޭދޭ ގައުމުތަކާއި މައްސަލަ އުފެއްދުން. ނަފްރަތު އުފެއްދުން. އެ ގައުމުތަކުގެ ރައްޔިތުންވެސް އެ ގައުމުތަކުގެ ސަރުކާރުތައްވެސް އެ ގައުމުތަކުގެ ވެރީންވެސް އަޅުގަނޑުމެންނާއި ދޭތެރޭގައި ހިތްބަރު ކުރުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޔާމީން ފަދައިން ގައުމަށް ގެއްލުން ދިން ވެރީން ދިވެހި ތާރީހު ދެކެފައިވާ ކަމަށެވެ. އަދި އެފަދަ ވެރީންނާއިމެދު ރައްޔިތުން ކަންކުރެއްވި ގޮތްވެސް ފެންނާން އެބައޮތް ކަަމަށެވެ.
އޭގެ ފަހުން އެމަނިކުފާނު ވަނީ ޕީޕީއެމްގެ މެންބަރުންނަށް އިލްތިމާސެއް ކުރައްވާފައެވެ. ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރެއްވުމާއި ޕީޕީއެމަށް ތާއީދު ކުރެއްވުމަކީވެސް ކުރެއްވުން ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖެ އާއި ދިވެހީންނަށް ގެއްލުންވާނެ ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމަށެވެ.
އަޅުގަނޑު މިރޭ ވަރަށް އިހުލާސްތެރިކަމާއެކުގައި ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ދަންނަވާލަން ބޭނުން. ރައީސް ޔާމީނަށް ތާއީދު ކުރުން އެއީ އެއް ކަމެއް. އަދި ތިބޭފުޅުންގެ ޕާޓީއަށް ތާއީދު ކުރުމަކީވެސް ތިބޭފުޅުން ކުރަން ރަނގަޅު ކަމެއް. އެހެން ނަމަވެސް، އެހެން ނަމަވެސް މި ދިވެހިރާއްޖެއަށް ގެއްލުންވާނެ ކަމެއް އަޅުގަނޑުމެން އެއްވެސް ޕާޓީއަކުން އަދި އަޅުގަނޑުމެން އެކަކުވެސް ކުރުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔައިގެން އެއްވެސް ބޭފުޅަކު ނުބުނާނެމުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
ނަޝީދު މީގެ ކުރީންވެސް ވަނީ ރަައީސް ޔާމީން، އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށް ވިދާޅުވެ އެ ހަރަކާތަށް ފާޑުވިދާޅުވެފައެވެ. އަދި އެއީ ދިވެހީންނަށް ގެއްލުން ދޭނެ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމް ގެ މެންބަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ރައީސް ނަޝީދު ކުރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ އެ ވާހަކަފުޅަށް ރައީސް ޔާމީންވެސް ވަނީ ރައްދު ދެއްވިއެވެ. މިދިޔަ ހުކުރު ދުވަހު ހަވީރު އދ. މަހިބަދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ނަޝީދުގެ ވާހަކަފުޅު ސިފަ ވަނީ "ކޮސް" ގޮވުމެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ނަޝީދުގެ ގޮވާލުންތަކަށް އިޖާބަދީ އަޑުއަހާނެ މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށާ އެވަރު އެނގިވަޑައިނުގަންނަވާ ބޭފުޅުން ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ޔާމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް އަލުން ކަނޑައަޅަން ޖެހޭ ކަމަށެވެ.
ނަޝީދު ފަދަ ހަނދާން ބަލި ބޭފުޅުންނަށް ދެން ފުރުސަތު ދިނުމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ އަޖައިބުވެ އަންތަރީސްވެ ކޮސްވެ. އޭނާ [ރައީސް ނަޝީދު] ބުނާ ވާހަކައެއް ގަބޫލުކުރާނެ ޕީޕީއެމްގެ ރައްޔިތަކު އެބަ ހުރިތޯ. އެހެންވީމަ މި ހިތަށް އަރަނީ މިއީ ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި މީހެކޭ. އެހެންވީމަ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި ދަންނަވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުން އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަންނަ މީހުންގެ ޝަރުތުތައް، ލިޔަންކިޔަން ދަތުން އެކަނި އޮތުން މިހާރު ޝަރުުތަކަށް ނުފުދޭ ނޫންތޯ. މި ދެންނެވީ ރައީސްކަން ކޮށްފައިވާ މީހަކު ދައްކާ ވާހަކަތައް،" ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާ އެމަނިކުފާނުގެ ބޭނުންފުޅަކީ ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު މައްސަލަ އާއި ނަފްރަތު އުފެއްދުން ކަމަށް ރައީސް ނަޝީދު ކުރެންދޫގައި ވިދާޅުވިއިރު ފާދިއްޕޮޅުގެ ވެރިރަށް ނައިފަރު މިހާރުވެސް އޮތީ އިންޑިއާ އައުޓް ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.
އެ ހަރަކާތަށް މާދަމާ ހަވީރު ރައީސް ޔާމީން އަދި އިދިކޮޅު ކޯލިޝަންގެ އިސް ވެރީން ނައިފަރަށް ވަޑައިގަންނަވާނެ އެވެ. ނައިފަރުގެ ބޮޑެތި މަގުތައް "އިންޑިއާ އައުޓް" ބެނާތަކާއި ޕީޕީއެމްގެ ދިދަ ތަކުންް ވަނީ ފުރާލާފައެވެ.