ކެބިނެޓް

ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

Dec 22, 2021

ލ. އަތޮޅުގައި ހިމެނޭ ހަ ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ހިމާޔަތް ކުރުމަށް ނިންމީ ލ. ގަމު ބޮޑަ ފެންގަނޑަ ސަރަހައްދާއި، ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި، ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދާއި، ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދާއި، ލ. ގާދޫ-ހިތަދޫ ކަނޑު ސަރަހައްދާއި، ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދެވެ.

ހިމާޔަތްކުރުމަށް ނިންމި ހަ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދު ތަކެކެވެ.

ލ. އަތޮޅަކީ ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ކަމަށް "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން މިއަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ.

ވައުދު ފުއްދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅުގެ 14 ސަރަހައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލަކު ސިޓީގެ އެއް ސަރަހައްދާއި، ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމެނޭ ގޮތަށް ޖުމްލަ 14،423 ހެކްޓަރު މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ.