ހުސައިން އަމްރު

"ފުށް ފެކްޓަރީ ލަސްވަނީ ބިމެއް ނުލިބޭތީ"

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ރާއްޖޭގައި ފުށް އުފައްދާ ބަންދު ކުރާ ކާރުހާނާއެއް އަޅުމުގެ މަސައްކަތް ލަސްވަނީ ބިމެއް ހަމަނުޖެހިގެން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ފުށް ފެކްޓަރީއާއި ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަވަސް އަށް ވިދާޅުވީ އެ މަސައްކަތަށް އެސްޓީއޯ ތައްޔާރަށް އޮތް ކަމަށާއި ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފެކްޓަރީ އަޅާނެ ބިމެއް އަދި ވެސް ހަމަނުޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

"މާލޭ އޭރިއާގެ ކޮންމެ ސަރަހައްދަކުން ވެސް ދެވެން އޮތް ބިމެއް ދިނުމަށް ސަރުކާރުގައި މިހާރު އަޅުގަނޑުމެން ވާނީ އެދިފައި." އަމްރު ވިދާޅުވި އެވެ.

ފުށް ފެކްޓަރީ އަޅަން ސާވޭއެއް ވެސް އެސްޓީއޯއިން މިދިޔަ އޯގަސްޓު މަހުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އެސްޓީއޯއިން ފުށް ބަންދު ކުރަން ނިންމާފައި ވަނީ ބޭރުން ގޮވާން އެތެރެ ކޮށްގެނެވެ. އެ ފެކްޓަރީގައި ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިވެރިން ބޭނުންވާ އެކި ވަތްތަރުގެ ފުށް، އެ ފެކްޓަރީން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށެވެ.