ރައްޔިތުންގެ މަޖިލިސް

އޭސީސީގެ މެންބަރުންގެ އިތުރު މައްސަލައެއް ބަލަނީ

Dec 22, 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފަށައި، ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައި ވަނިކޮށް ކޮމިޝަންގެ މެންބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މައްސަލަ ބެލުމަށް ހުށަހެޅުއްވީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ތިން މެންބަރުންގެ ސޮޔާ އެކު އެވެ. މައްސަލަ ބެލުމަށް ކޮމިޓީގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލްކޮށްފަ އެވެ.

އޭސީސީގެ މެންބަރުންނަށް ކޮމިޓީގެ މެންބަރުން ތުހުމަތުކުރާ މައްސަލައިގެ ތަފްސީލް އެނގޭ ގޮތެއް ނުވި އެެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ އެ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވުމަށްފަހު އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީން ފަސް ދުވަސް ދީފައިވެ އެވެ. ބަންދު ދުވަސްތައް ނުލައި ދީފައިވާ އެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފެށިއިރު އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބެވި ނަމަވެސް އޭރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އޭސީސީގައި މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.