ފައިސަލް ނަސީމް

"ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނަން: ފައިސަލް

Dec 22, 2021

ދިވެހިރާއްޖޭން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ޗައިނާ އަށް ދީފި އެވެ.

ސަރުކާރުގެ ފަރާތުން އެކަމުގެ ޔަގީންކަން ދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، ނައިބް ރައީސް ފައިސަލް ނަސީމާ މިއަދު ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައި އެބައޮތް ކަމަށެވެ. އެގޮތުން ތަރައްގީގެ ސަފުގައި ޗައިނާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ކޮވިޑްގެ ހާލަތުގައި ޗައިނާއިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވި އެެވެ. އަދި ރާއްޖެއަށް އެކިއެކި ދާއިރާތަކުން ވަކިން ހާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ޗައިނާ އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ.

‎މީގެއިތުރުން ޖީ20ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދީފައިވާ އެއްބާރުލުމަށްޓަކައި ނައިބް ރައީސް ޝުކުރު އަދާކުރެއްވެވި އެވެ. ޖީ20ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ސަބަބުން ކޮވިޑް 19 އަށް ފަހު ގައުމުގެ އިގްތިސޯދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައިވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާތީ އެކަމަށްޓަކައި ދިވެހި ސަރުކާރަށް ތައުރީފް ކުރައްވާފަ އެވެ. އަންނަ އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާ ކަމުގައި ވެސް ވިދާޅުވި އެވެ.