އިންފޮގްރެފިކް

ފުރަތަމަ މަހު ގްރީން ޓެކުހުން 528 ޑޮލަރު!

Dec 17, 2015

ޓޫރިޒަމް ދާއިރާ އިން އަލަށް ނަގަން ފެށި، "ގްރީން ޓެކުހުން" މިދިޔަ މަހު ދައުލަތައް ލިބުނީ 528 ޑޮލަރެވެ. މިއީ އެ ޓެކްސް ނަގަން ފެށި ފުރަތަމަ މަހެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން އަލަށް ނަގަން ފެށި ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހުގެ އެކަކުން ފެށިގެން ނަގަން ފެށި މި ޓެކުހުން އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 528 ޑޮލަރު ކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރެވެ. ނަމަވެސް މި ޓެކުސް ނެގުމުގައި ގެސްޓް ހައުސްތައް އިސްތިސްނާވެ އެވެ. ޓްރެވަލް އެޖެންސީއެއް މެދުވެރި ވެގެން ނަމަވެސް ރާއްޖޭގައި ރިސޯޓަކުން ޕެކޭޖެއް ގަންނަ ނަމަ، ގްރީން ޓެކްސް ދައްކަން ޖެހޭނެ އެވެ.

އެވްރެޖްކޮށް މަހެއްގެ މައްޗަށް ލައްކައަކާ ގާތް ކުރާ އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން އާދެ އެވެ. މި ޓެކުހަކީ ސަރުކާރުން ނަގަމުން ދިޔަ އަށް ޑޮލަރުގެ ބެޑް ޓެކްސް އުވާލުމަށްފަހު އަލަށް ތައާރަފުކޮށްފައިވާ ޓެކުހެކެވެ.

ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިންމެންވާއިރަށް ގްރީން ޓެކުހުން ދައުލަތައް 314 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބޭއިރު، އޭގެ ކުރީ އަހަރު މި އަދަދު 1.3 ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދާނެ އެވެ.

އަވަސް" އަށް ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކުރިން ވިދާޅުވި ގޮތުގައި މި ޓެކުހުގެ ފައިސާ ހަރަދު ކުރެވޭނީ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. ހާއްސަކޮށް މި ޓެކުހުގެ ސަބަބުން ތިލަފުށީގެ ކުނީގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ގްރީން ޓެކްސް ނެގީމަ މިބަލަނީ ތިމާވެށި ހިމާޔަތް ކުރަން ހިންގާ ޕްރޮޖެކްޓްތައް އިތުރު ވެގެންދާނެ ކަމަށް. އިތުރު ހަރުދަނާކަމެއް ލިބިގެން ދާނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގްރީން ޓެކްސްގެ ފައިސާ އިން ރަށްރަށުގެ ގޮނޑު ދޮއްތައް ހިމާޔަތް ކުރުން ފަދަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

"މި ފައިސާ އިން ތިލަފުށީ ވޭސްޓަށް ހައްލު ލިބިގެންދާނެ،" ޖިހާދު ވިދާޅުވި އެވެ.


ގްރީން ޓެކުހުގެ އިތުރުން ނޮވެމްބަރު މަހު ދައުލަތައް އާމްދަނީގެ ގޮތުގައި 833 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނޭ ޖީއެސްޓީގެ ގޮތުގައި 473.04 މިލިއަން ރުފިޔާ އާއި ބިން ކުއްޔަށް ދީގެން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 193.56 މިލިއަން ރުފިޔާ، އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 58.42 މިލިއަން ރުފިޔާގެ އިތުރުން ބީޕީޓީގެ ގޮތުގައި 32.67 މިލިއަން ރުފިޔާ އެވެ.