މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ 2.7 ޕަސެންޓް އިތުރު ވެއްޖެ އެވެ.
މީރާ އިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތަށް 16.79 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 2.5 ޕަސެންޓް އިތުރު ވުމެކެވެ.
މިދިޔަ އަހަރު އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖުމްލަ ޓެކުހުގެ 46 ޕަސެންޓް ހިއްސާ ކުރަނީ މި ޓެކުހެވެ. ޖީއެސްޓީގެ ގޮތުގައި 7.74 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ
ޓެކުހުގެ އާމްދަނީ ބެހިފައިވާ ގޮތް
- ޖީއެސްޓީ: 46 ޕަސެންޓް، ޖުމުލަ 7.74 ބިލިއަން ރުފިޔާ
- ޕީބީޓީ: ހިއްސާ 17 ޕަސެންޓް، ޖުމްލަ 2.90 ބިލިއަން ރުފިޔާ
- ލޭންޑް ރެންޓް: ހިއްސާ 10 ޕަސެންޓް، ޖުމްލަ 1.65 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް: ހިއްސާ 5 ޕަސެންޓް، 850.27 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވްލޮޕްމަންޓް ފީ: ހިއްސާ ހަތަރު ޕަސެންޓް، ޖުމުލަ 728.91 މިލިއަން ރުފިޔާ
ޑިސެމްބަރު މަހު އެކަނި 1.56 ބިލިއަން ރުފިޔާ
ޑިސެމްބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.56 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 8.9 ޕަސެންޓް އިތުރު ވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ އިތުރުވެފައިވުން ކަމަށް މީރާ އިން ބުނެ އެވެ. އެގޮތުން، ޓީޖީއެސްޓީ، ވިތު ހޯލްޑިން ޓެކްސް، އެއާޕޯޓް ސާވިސް ޗާޖް އާއި ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައިވާ ފައިސާ، 2018 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވެފައި ވެއެވެ.
ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 658.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 361.95 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 120.96 މިލިއަން ރުފިޔާ ލިބިފައިވާއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.7 މިލިއަން ރުފިޔާ ލިބިފާއިވެ އެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 68.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 74 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.