ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގެ މިނިވަންކަން އިންޑިއާ އަށް އަތްދަށު ނުލެވޭނެ: ޔާމީން

Dec 23, 2021
1

ދިވެހި ރައްޔިތުން އެކި ބޭނުންތަކުގައި އިންޑިއާ އަށް ދިއުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިންޑިއާގެ އަތްދަށަށް ގެންދަންޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ދިޔަރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައ ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ކެމްޕޭނެއް ކުރިއަށް ގެންދާތީ އެކި ބޭނުންތަކުގައި ދިވެހިން އިންޑިއާ އަށް ދާންޖެހޭ ކަން ބައެއް މީހުން އެމަނިކުފާނަށް ހަނދާންކޮށްދެއްވާ ކަމަށެވެ. އެކަމަކު އިންޑިއާ އަށް ދާންޖެހޭ ވަކި ފަރުދެއްގެ ހައްގަށް ވުރެ ދިވެހި ގައުމުގެ ހައްގު ބޮޑުވާނެތީވެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭ ގޮތަށް ކަންކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ޓީޗަރުންނާއި ނަރުހުން އަދި އެގައުމުގެ އެހެން ރައްޔިތުން ވެސް މަސައްކަތް ކުރަނީ މުސާރަ އަށް ކަމަށްވާތީ އިންޑިއާ އިން ރާއްޖެ އަތްދަށުލާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ދޫކޮށްލައިގެން މިއުޅެނީ މުޅި ގައުމުގެ ހައްގު. މުޅި ގައުމުގެ ހައްގު ވަކި ފަރުދަކަށް ލިބޭ ފައިދާތަކަށްޓަކައި، އެއީ ކިތަންމެ ގިނަ ބައެއް ކަމަށްވީ ނަމަވެސް ކޮމްޕްރޮމައިޒް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތައް ހުރި ގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ ސަރުކާރަށް އެކަނި ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ މެދު ދިވެހި ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ހުށަހެޅުއްވި އެވެ. އެފަދަ ވޯޓެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ދިވެހިން ތާއީދުކޮށްފިނަމަ އިންޑިއާ ސިފައިން ބޭލުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާލައްވާނެ ކަމަށެވެ.

އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް އެމަނިކުފާނު ތުރުކުރައްވާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ އެ ޓިޝާޓް ތުރުކުރެއްވުމަކީ ޝަރަފެއް ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބު ގެއްލުވާލި ނަމަވެސް އިންޑިއާ އައުޓް ކެމްޕޭންގައި ތާއަބަދަށް ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު އެކެއް ފެބްރުއަރީގެ ހުކުމާ ގުޅޭގޮތުން ވެސް އެމަނިކުފާނު ރޭ ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ އެ އަމުރު ތަންފީޒު ނުކޮށްގެން އިންޑިއާ އިން ތިން ސިޓީއެއް ފޮނުވި ކަމަށާއި އެއް ސިޓީއަށް ރީތިކޮށް ޖަވާބު ދެއްވުމަށްފަހު ތިންވަނަ ސިޓީއަށް ޖަވާބެއް ނުދެއްވާ ކަމަށެވެ.

"އަަޅުގަނޑުމެން އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އިންޑިއާއަށް ސިޓީއެއް ނުފުނޮވަމޭ. އެހެންވމާ އެމީހުންނަކަށް ވެސް ސިޓީ ފޮނުވާކަަށް އެއްވެސް ހައިސިއްޔަތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދިޔަ ގޮތާއި އަމުރުގައި ހުރި މައްސަލަތައް ސާފުކޮށްދިނުމަށް އިންޑިއާ އަށް އެމަނިކުފާނު ވަޒީރަކު ފޮނުއްވި ކަމަށެވެ. ނަމަވެސް އިންޑިއާ އިން އެ ވަޒީރާ ބައްދަލުވެސް ނުކުރެއްވި ކަމަށެވެ.