ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ފ. ނިލަންދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި އެ ލަފުޒު ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވާ ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުގެ ކެންޕެއިންގެ މަގުސަދު އޮޅުވާލަން މަސައްކަތް ކުރިނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. "އިންޑިއާ އައުޓް" ކެންޕެއިންއަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ހަރަކާތެއް ކަމަށާ އެއީ އިންޑިއާއާ ރާއްޖެ ގުޅުން ކަނޑަން ހިންގާ ހަރަކާތެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކަކީ ރާއްޖެ އާއި ދިވެހީންނަށް ފައިދާ އާއި މަންފާ އޮތް އެއްބަސްވުންތަކެއް ނޫން ކަމަށާ އެ އެއްބަަސްވުންތަކުން އޮތީ މުޅީންވެސް ގެއްލުން ކަމަށެވެ. އެގްރީމަންޓްތަކުގައި އޮތީ ރަނގަޅު ވާހަކަތަކެއް ނަމަ އެއީ މާ އުފާވެރި ހަބަރަކަށް ވެގެން އެ ވާހަކަތައް ސަރުކާރުން ދައްކާނެ ކަމަށާ އެގްރީމަންޓްވެސް ހާމަކުރާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުން ސިއްރުކުރަން ކަމަށާ ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބިކަން މިއަދު ހާމަވެފައިވާ ކަމަށެވެ. އަދި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
"އިންޑިއާ އައުޓެއް ނޫން ވާންވީއެއް. އިންޑިއާ މިލިޓަރީ އައުޓްވާންވީ. އަޅުގަނޑުމެން ވަރަށް ސާފުކޮށް މި ދަންނަވާ ވާހަކައަކީ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި ދައްކާ ވާހަކައަކީ އިންޑިއާ އައުޓްގެ މާނައަކީ އިންޑިއާ ސިފައިން މިތަނުގައި ނުތިބޭށޭ. އިންޑިއާ ސިފައިން ބޭރުކުރާށޭ. އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭ. މި މީހުންގެ އެ ކެރިފޯރުންތެރިކަން ނެތީވިއްޔާ ދުރަށް ދާށޭ. އަޅުގަނޑުމެން މިތަނުން އިންޑިއާ ސިފައިން ބޭރު ކުރާނަން. ދިވެހި ރައްޔިތުން ބޭނުންވަނީ މި ތަނުން އިންޑިއާ ސިފައިން ބޭރުކުރަން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ލައިގެން އުޅުއްވަނީ އެމަނިކުފާނު އެކަނި ނޫން ކަމަށާ އެއީ ދިވެހި ރައްޔިތުންގެ ޝުއޫރު ކަމަށެވެ. އަދި އިންޑިއާގެ ދިފާއުގައި ސަރުކާރުގެ މަދު ބަޔަކު މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމީ ރައްޔިތުން ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮންނަން ދުވަހަކުވެސް ގަބޫލު ނުކުރެވޭނެ ކަމަށާ ބައިނަލްއަގްވާމީ ދުނިޔޭގައި "ގުޅަކުޅޭ ފަސްގަނޑަކަށް" ރާއްޖެ ނުހެދޭނެ ޔާމީން ވިދާޅުވިއެވެ.
މިއީ ބައެއްގެ ބެކްޔާޑެއް ނޫން. މިއީ ބައެއްގެ ގުޅަކުޅޭ ފަސްގަނޑެއްވެސް ނޫން. މިއީކީއެއް ވަކި ގައުމަކަށް ނިސްބަތްވާ ކަނޑެއްވެސް ނޫން. އެ ހަގީގަތް ހިނގާ ގަބޫލުކުރަމާ. އިންޑިއާ ކަނޑަކީ އަރަބި ކަނޑުން ފެށިގެން އިންޑޮނޭޝިއާ ކަނޑާ ހަމައަށް ފެތުރިފައި އޮތް ކަނޑެއް. އިންޑޮނޭޝިއާ ވަށައިގެންވެސް އެއް ފަރާތުގައި އެ އޮތީ އިންޑިއާ ކަނޑު، އަނެއް ފަރާތުގައި ޕެސިފިކް. ސިންގަޕޫރު ވަށައިގެން އެ އޮތީ އިންޑިއާ ކަނޑު. މެލޭޝިޔާ ވަށައިގެން އެ އޮތީ އިންޑިއާ ކަނޑު. އެހެންވީމަ މިއީކީ އިންޑިއާ ބެހޭ ކަނޑެއް ނޫން. އެއީ އިންޑިއާއަކާ ބެހޭ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންވެސް މިތިބީ އުތުރުން ދެކުނަށް އިންޑިއާ ކަނޑުން ބޮޑުބައެއް ނަގައިގެން. މިއީ އަޅުގަނޑުމެންގެވެސް ކަނޑު. މިކަމުގެ މާނަ އޮޅުވާލަން ނޫޅުއްވާކުރީގެ ރައީސް އަބްދުﷲ ޔާމީން | ފ. ނިލަންދޫ
ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިފައިން އިންޑިއާގައި ތިބި ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދައްކަވާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގައި ތިބީ ތަމްރީންތަކަށް ގޮސް ތިބި މަދު ދިވެހި ސިފައިން ކަމަށާ އެއީ އެކަން އޮޅުވާލާ އިންޑިއާ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް ވަކާލާތު ކުރުމަކީ ޣައްދާރުވުމެއް ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން ރުހޭ މީހުން އިންޑިއާގައި ދިވެހި ސިފައިން ނުވަތަ އެހެން ގައުމެއްގެ ސިފައިން ބައިތިއްބަން ހުއްދަ ދޭނެތޯ އިންޑިއާއާ ސުވާލު ކުރުމަށް އެދިވަޑައިގެންފައެވެ. އެފަދަ ހިޔާލަކަށްވެސް އިންޑިއާއިން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ރާއްޖެއިން އިންޑިއާ ސިފައިން ބާލަންދެން އިހުތިޖާޖު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
"މިއީ އަހަރެމެންގެ ގައުމު. އަހަރެމެންނަށް އަހަރެމެންގެ ސިފައިންގެ ހިދުމަތް ފުދޭ. އަހަރެމެންނަށް އަހަރެމެންގެ ފުލުހުންގެ ހިދުމަތް ފުދޭ. ސަލާމަތީ ބާރުތަކުން އަޅުގަނޑުމެންގެ ރައްކާތެރިކަން އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮށްދޭނެ. އެކަމަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ އިތުުރު ބަޔަކު އައިސް މިތާ ތިބޭކަށް. ކަމެއް ނުޖެހެނިސް މިތަނަކަށް އިންޑިއާގެ އަސްކަރިއްޔާ އައިސް ތިބޭކަށް ނުޖެހޭ. އެ އުޅެނީ މުޅީން އެހެން ބޭނުމެއްގައި އައިސް. އެހެން ބޭނުމެއްގައި ގެނެސް އެ ތިބީ. އެ ހަގީގަތް ﷲގެ ރަހުމަތުން މިހާރު އެ ދަނީ ރައްޔިތުންނަށް ހާމަވަމުން ވަރަށް ބޮޑަށް ސާފުވަމުން. މި އިގްރީމަންޓްތައް ފެންނަ ދުވަހަކުން ރައްޔިތުން މަގުތަކަށް ނިކުންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.