ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާތީ ދިވެހިން އެކަމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ތައިލެންޑް ސަރުކާރުން އިތުރު ފިޔަވަޅުތައް އެޅީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.
ފޮރިން މިނިސްޓްރީން ބުނީ "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ މީހުންގެ ތެރެއިން މިދިޔަ ބުދަ ދުވަހުގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެ އެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ.
ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރް ކޮވިޑް ޓެސްޓެއް ހަދަންޖެހެ އެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދޭ ޓެސްޓެކެވެ.
"ވީމާ ތައިލެންޑަށް ދަތުރުކުރުމަށް މިވަގުތު އައިސްފައިވާ ބަދަލާ ގުޅިގެން ތައިލެންޑްގައި ދިރިއުޅޭ އަދި ތައިލެންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް އެދިފައިވެ އެެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
"ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ކޮވިޑް-19 ކަވަރުކުރާ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީން ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.