ތައިލެންޑަށްދާ ދިވެހިންނަށް ދޫކުރާ އޮންއެރައިވަލް ވިސާގެ މުއްދަތު އިތުރު ކޮށްދޭ ގޮތަށް ތައިލެންޑްގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ކުރިން އޮންއެރައިވަލް ވިސާގެ ގޮތުގައި އޮންނަ 30 ދުވަހުގެ ބަދަލުގައި މިހާރު 60 ދުވަހަށް މުއްދަތު އިތުރުކޮށްދިނުމަށް ތައިލެންޑް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ތައިލެންޑުން ދިވެހިންނަށް އޮންއެރައިވަލް ވިސާ 60 ދުވަހަށް ލިބޭނީ ވިޔަފާރިއާއި ޗުއްޓީއާއި ބޭސް ފަރުވާގެ ބޭނުމަށް ކުރާ ދަތުރުކުރުމަށް ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ބޭރު ގައުމު ތަކުގެ ގަވާއިދުތަކާއި އަދި އިންޝުއަރެންސްގެ ކަންކަމަށް ފުރިހަމައަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ.