ހަބަރު

ތައި ފޮރިން މިނިސްޓަރާ ޝާހިދު ބައްދަލު ކުރައްވައިފި

Oct 16, 2019

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދްވިނާއީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑްގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުމާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި ދެގައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާ ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެގައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ހާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދެއްކެވި އެވެ. އަދި ވަކިން ހާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން އްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވަނީ ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު ދެ ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައިފަ އެވެ.


ތައިލެންޑްގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ދެގައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގެ ތެރެއިން ޝާހިދު މިއަދު ވަނީ ތައިލެންޑުގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވައިފަ އެވެ.