ހަބަރު

ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މަހުގެ 15 އިން 17 އަށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ އެދަތުރުފުޅަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަަމަށެވެ.

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 40 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ އެދަތުރުފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ތައިލެންޑްގެ ފޮރިން މިނިސްޓަރާއިއެކު މަޝްވަރާކުރައްވާނެ ކަމަށާއި،
އެ ދަތުރުފުޅުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭތައް ލިބިގެންދާނެ ކަމަށާއި، ދިވެހިރާއްޖޭގެ އެކި އުފެއްދުންތައް ތައިލެންޑްގެ ބާޒާރަށް ނެރެ މާކެޓްކުރުމާއި، ދެގައުމުގެ ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން ތައިލެންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދުގެ އެދަތުރުފުޅުގައި ތައިލެންޑް ސަރުކާރަށް އަރުވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.