ހަބަރު

ތައިލެންޑުގައި ގާއިމުކުރި ދިވެހި އެމްބަސީ ހުޅުވައިފި

Oct 16, 2019

ތައިލަންޑުގައި ގާއިމުކުރި ރާއްޖޭގެ އެމްބަސީ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްބަސީ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިވަގުތު ތައިލަންޑަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ އާއި ތައިލެންޑާމެދު ގިނަ ދާއިރާތަކުން އޮންނަ ގުޅުން ފުޅާވަމުން އަންނަ ކަމަށެވެ. އެގޮތުން، ވިޔަފާރި އާއި، އިންވެސްޓްމަންޓް، ޓެކްނޮލޮޖީ، ތައުލީމް، ޓޫރިޒަމް އަދި އެޑިޔުކޭޝަންގެ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ގިނަ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތަލެންޑުގައި ހުޅުވުނު އާ އެމްބަސީން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރުމުގެ އިތުރުން، އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ކޮންސިޔުލާ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

ތައިލެންޑުގައި ދިވެހި އެމްބަސީއެއް ހުޅުވިގެން ދިޔުމަކީ، ބައިނަލްއަގުވާމީ މުޖުތަމައުއާ ގާތުން މަސައްކަތްކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅިގެންދިޔަ އިތުރު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއާއި ތައިލެންޑާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 40 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ އެދަތުރުފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ތައިލެންޑްގެ ފޮރިން މިނިސްޓަރާއިއެކު މަޝްވަރާކުރައްވާނެ ކަމަށާއި، އެ ދަތުރުފުޅުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.