ހަބަރު

ދިވެހިންނަށް ތައި ވިސާގެ ލުއިތަކެއް ހޯދަން މަޝްވަރާކޮށްފި

Mar 21, 2019
2

ތައިލެންޑަށްދާ ދިވެހިންނަށް ވިސާގެ ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދ. ގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައިލަންޑުގެ ވަފްދާއި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މިގޮތުން، ތައިލަންޑަކީ ދިވެހި ވިޔަފާރިވެރިންނަށް މުހިންމު މަންޒިލެއް ކަމަށާއި، ރާއްޖޭގައި ވެސް ތައިލަންޑުގެ ގިނަ އިންވެސްޓްމަންޓުތަކެއް ހުރިކަން ފާހަގަ ކުރައްވަމުން، ޝާހިދު ވަނީ ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނެތި ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެ މަޝްވަރާތަކާއި ގުޅިގެން، ފޮރިން މިނިސްޓްރީން ބުނީ، ޝާހިދު ބޭރަށް ކުރައްވައި ދަތުރުފުޅުތަކުގައި ދިވެހިންނަށް ފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އަވަށްޓެރި އިންޑިއާ އާއެކު ވެސް ވަނީ ވިސާގެ ލުއިތަކެއް ހޯއްދަވައި ދެއްވައިފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކަކާއި ގުޅޭގޮތުން ޝާހިދު ވަނީ ދާދި ފަހުން އެ ގައުމުގެ ސަރުކާރާއެކު ވެސް މަޝްވަރާތަކެއް ކުރައްވައިފަ އެވެ.