ހަބަރު

ވިސާއާ ނުލައި ދިވެހިން ތައިލޭންޑަށްދެވޭ ގޮތް ހަދައިފި

ދިވެހިން ވިސާއާ ނުލައި ތައިލެންޑަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ދިވެހި ރައްޔިތުންނަށް ތައިލޭންޑަށް ވިސާ ނުލައި 30 ދުވަސް ވަންދެން މަޑުކުރެވޭނެ ކަމަށެވެ. އެކަން އެގައުމުގެ ސަރުކާރުން ހަމަޖައްސާދީފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ އާޖެންޓީނާގެ ބިއެނަސްއައިރީޒްގައި ކުރިއަށްދިޔަ އދ. ގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި އެވެ. އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައިލަންޑުގެ ވަފްދާއި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އަވަށްޓެރި އިންޑިއާއާއެކު ވެސް ވަނީ ވިސާގެ ލުއިތަކެއް ހޯއްދަވައި ދެއްވައިފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކަކާއި ގުޅޭގޮތުން ޝާހިދު ވަނީ ދާދި ފަހުން އެ ގައުމުގެ ސަރުކާރާއެކު ވެސް މަޝްވަރާތަކެއް ކުރައްވައިފަ އެވެ.