އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލުމާ މެދު އެ ދެ ރަށުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޯއްދަވަން ފައްޓަވައިފި އެވެ.
ރޮޒައިނާ މިއަދު ވިދާޅުވީ ހުޅުދޫއާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެ ރަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެއީ އެކަމާ ވިސްނާ ބަހުސްކޮށް ހައްލު ހޯދަންޖެހިފައި އޮތް މައްސަލައެއް ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ހުޅުދޫއާއި މީދޫއާ ގުޅޭ ކޮންމެ ކަމެއް ނިންމުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން އެ ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާތައް އަބަދުމެ ލިބެމުންދާ ކަމަށެވެ.
"ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރި، ނަމަވެސް މި ޝަކުވާތަކަކަށް ނިމުމެއް ނައި،" ރޮޒައިނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލާނަމަ އޭގެ ކުރިން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ބޭނުންވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ކަމަށްވާނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖލިސް ހުޅުވުމާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެ މަސައްކަތް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.
"އެހެންކަމުން ހުޅުދޫއާއި މީދޫ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ހިއްސާކޮށްދެއްވުން އެދެން،" ރޮޒައިނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހިއްސާކޮށްދިނުމަށް ރޮޒައިނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރެއްވުމާ އެކު ހުޅުދޫއާއި މީދޫގެ ގިނަ ބަޔަކު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލަން ތާއީދުކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ އެކަން ކުރަން ލަސްވެއްޖެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލަން މީގެކުރިން އެ ދެ ރަށުގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުން ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.