އައްޑޫގެ މޭޔަރު އަލި ނިޒާރު މިއަދު އެ ސިޓީގެ މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ބަޔަކު އޭނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
ނިޒާރު މީދޫއަށް ވަޑައިގަތީ އެ ރަށުގައި އޮތް އީދު ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މީދޫގެ ޒުވާނުން ތަކެއް ނިޒާރުއާ މެދު ހިތްހަމަނުޖެހުނީ އެ ރަށުގެ ބައެއް ޖަމިއްޔާތަކާ ގުޅިގެން ޒުވާނުންތަކެއް އިސް ނަގައިގެން އިންތިޒާމު ކުރި އީދުގެ ހަރަކާތްތަކަށް ސިޓީ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމެއް ނުދޭ ކަމަށް ބުނެ އެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވި މީހުން ތުހުމަތުކުރާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އަމިއްލަ ޖަމިއްޔާތަކުން އިންތިޒާމު ކުރާ ހަރަކާތްތައް ހުއްޓުވުމަށްފަހު ކޮންމެ ކަމެއް ސިޓީ ކައުންސިލުން ކުރާ ކަމެއްގެ ގޮތުގައި ދެއްކުމަށެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވުމުގެ ގޮތުން މީދޫގެ ބައެއް ގެތަކުގެ ވަށާފާރުގައިވެސް ނިޒާރުގެ އިސްތިއުފާ ޖަހާފައިވާ ފޮތިގަނޑުތަކެއް ވަނީ ދަމާފަ އެވެ.
މީދޫގެ ބައެއް ޒުވާނުން މިއަދު ބުނީ ނިޒާރުގެ އިސްތިއުފާއަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގޮވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލް ޒިންމާދާރު ކުރުވަން މަސައްކަތް ކުރާނެ ކަމަށެވެ.