އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން ސަސްޕެންޑްކޮށްފައި ހުރި ޚަތީބު މުހައްމަދު ރަޝީދަށް އިމާމުވެ ނަމާދުކުރުމަށް ދީފައިވާ ހުއްދަ ވަގުތީ ހިފަހައްޓައިފި އެވެ.
އައްޑޫ މީދޫއަށް ނިސްބަތްވާ މުހައްމަދަށް މިކަން އެންގީ އައްޑޫގެ މޭޔަރު އަލީ ނިޒާރު ސޮއި ކުރައްވާ ފޮނުވި ސިޓީއެއްގަ އެވެ.
ސިޓީގައި ބުނެފައިވަނީ މީދޫ މަސްޖިދު އިބްރާހިމްގައި މަޖުދުއްދީނުގައި މުހައްމަދު ޚުތުބާ ކީއިރު އުނިއިތުރު ގެނެސްފައިވާ ކަމަށެވެ. އެއީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމަކަށްވާތީ އިމާމުވެ ނަމާދުކުރުމަށް މުހައްމަދަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން އަންގައިގެން ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މުހައްމަދު ރަޝީދަށް ނަސޭހަތްތެރިވާނެ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ އުސޫލާ ހިލާފު ކަމެއް އޭނާ އިތުރަށް ކުރައްވައިފިނަމަ ހުއްދަ ބާތިލްކުރާނެކަން ވެސް ހަނދާންކޮށްދީފައިވެ އެވެ.
އިމާމުވެ ނަމާދުކުރުމަށް މުހައްމަދު ރަޝީދަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން އަންގައިގެން ވަގުތީގޮތުން ހިފަހައްޓާފައި މިވަނީ އޭނާ ސަސްޕެންޝަނެއްގައި ބެހެއްޓުމަށްފަހު އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މުހައްމަދު ރަޝީދު މިދިޔަ މަހުގެ ދެވަނަ ދުވަހު ހުކުރު ދުވަހު ހުތުބާ ކިޔާފައިވަނީ އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެންނެވެ.
މުހައްމަދު ރަޝީދު ބުނީ އައްޑޫ ބަހުުރުވައިން ހުތުބާކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި ބިދޭސީން ކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ހުތުބާ ކިޔުން އެއީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އޭނާ ބުނެ އެވެ.