އިސްލާމިކް މިނިސްޓްރީ

ޣައިރު މުސްލިމުންގެ ދީނީ ޝިއާރުތަކުގައި ބައިވެރިވުމަކީ ޝިރުކުގެ އަމަލެއް: ހުތުބާ

ޣައިރު މުސްލިމުންގެ ދީނީ ޝިއާރުތަކުގައި ބައިވެރިވުމަކީ ޝިރުކުގެ އަމަލެއް ކަމަށާ އެފަދަ ބޮޑެތި ފާފަތަކާއި ދުރުވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ކާމިޔާބުގެ މަގު" ނަމުގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ އިންސާނުން އުފެއްދެވީ މާތްﷲއަށް އަޅުކަން ކުރުމަށް ކަމަށާ އެހެން ކަމުން އެ މަތިވެރި މަގުސަދު ގެއްލޭފަދަ އެއްވެސް ކަމެއް ކުރުމަކީ މުއުމިނަކަށް ހުއްދަ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން މާތްﷲގެ އެއްކައުވަންތަކަން ނަފީކުރާ ފަދަ ކަމެއްގައި ބައިވެރިވުމަކީ މުއުމިނުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.

"... އެގޮތުން ޣައިރު މުސްލިމުންގެ ދީނީ ޝިއާރު ތަކުގައި ބައިވެރިވުމަކީ ވެސް މުސްލިމުންނަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއީ ޝިކުރުގެ އަމަލެކެވެ. އެފަދަ ކަންކަމާ ދުރުހެލިވުން ލާޒިމުވެގެން ވެއެވެ،" ހުުތުބާގައިވެއެވެ.

ނަމަވެސް މި ފަހަކުން އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަން ދިވެހި މުޖްތަމައުގެ ބައެއް ފަރުދުންގެ ކިބައިން ފެންނަ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އިސްލާމްދީނަށް އިހާނެތިކޮށް ކަންތައްތައް ކުރުމާއި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ބާތިލު އަގީދާތައް ފެތުރުމަށް މަސައްކަތް ކުރާ ބަޔަކުވެސް މުޖްތަމައުގައި ތިބި ކަމަށްވެސް ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ޝިރުކުގެ އެފަދަ ހުތުރު އަދި ނުބައިކަން ބޮޑު ފާފަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައެވެ.