ދުނިޔެ

ބުއްދިވެރި ގޮތަކީ އެމެރިކާ އާއި އީރާން ސީދާ މަޝްވަރާ ކުރުން

އީރާނަށް އަދި އެމެރިކާއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ސީދާ މަޝްވަރާތައް ކަމަށް އީރާގުގެ ފޮރިން މިނިސްޓަރު ފުއާދު ހުސައިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ސުލްހައަށް އޮތް އެންމެ ކުރު މަގަކީ ވެސް އެއީ ކަމަށެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އީރާން ނިއުކްލިއާ މަޝްވަރާތަކުގެ އާ ބުރެއް ފަށަން ތައްޔާރުވެފައި ވަނިކޮށް، ފުއާދު ހުސައިން ވިދާޅުވީ ސުލްހައަށް އެދި ގައުމުތަކުން ދުވަސްތަކެއް ހޭދަކޮށްފި ކަމަށާއި ކޮޅެއްގައި ނުޖެހިގެން އުޅެނީ އެއްބަޔަކު އަނެއް ބަޔަކަށް މެސެޖު ރައްދުކޮށް ނުދެވިގެން ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުން އެމެރިކާ އާއި އީރާންއާ ދެމެދު ސުލްހަ ގާއިމު ކުރުމަކީ އީރާގަށް ވެސް އޮތް ވަރަށް ބޮޑު ފައިދާއެކެވެ. އަދި ސަރަހައްދީ މަސްލަހަތު ބޮޑުތަނުން ރަނގަޅުވެގެން ދާނެ އެވެ.

އީރާން ނިއުކްލިއާ މައްސަލާގައި އެމެރިކާ ދެކެނީ އީރާން ދެކޭ ގޮތަށް ނޫން ކަމަށާއި އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށް ބިރަކަށް ވާނަމަ މަޝްވަރާގެ ތެރެއިން އެކަން ހައްލުކުރަން ދެ ގައުމަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އާއި އީރާން ކުރިން 2015 ގައި އެއްބަސްވެފައި އޮތް ގޮތުން އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން ހުއްޓާލައިފި ނަމަ އެމެރިކާ އަޅާފައި އޮތް ދަތި ކުރުން ނައްތާލާނެ އެވެ.

ރައީސް ބާރަކް އޮބާމާގެ ސަރުކާރުން އެކުލަވާލާފއި އޮތް ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރެވެމުން ދަނިކޮށް ޓްރަމްޕް ސަރުކާރުން 2018 ގައި ވަނީ އެ އެއްބަސްވުން އުވާލާފަ އެވެ.

އީރާނުން ބުނަނީ 2015 ގައި އެއްބަސްވި ގޮތް ނޫން ގޮތަކަށް، އެއްބަސްވުން އެކުލަވާލައިފި ނަމަ ގަބޫލު ނުކުރާނެ ކަމަށެވެ. އެއަށް ވުރެ ފިއްޔެއް އިތުރު ނަމަވެސް އެކަމުގައި އީރާނަށް އޮތް ފައިދާއަށް ބަލާފައި ނޫނީ ސޮއި ނުކުރާނެ ކަމަށެވެ.