ވިޔަފާރި

ބީއެމްއެލް ހުޅުމާލެ ގޮފި ތަރައްގީކޮށް ސެލްފް ސާވިސް އޭޓީއެމްއާ އެކު ހުޅުވައިފި

ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގޮފި އިތުރަށް ތަރައްގީކޮށް ސެލްފް ސާވިސް ޔުނިޓަކާ އެކު މިރޭ ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ކައިރީ ހުންނަ ބީއެމްއެލް ހުޅުމާލެ ގޮފި ރަސްމީކޮށް ހުޅުވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކްގެ ޗެއާމަން އެވެ. މި ބްރާންޗް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހީލީ ވިދާޅުވީ ހުޅުމާލެއަށް ހަލުވިކަމާ އެކު އަންނަ ކުރިއެރުމާ ގުޅިގެން ބީއެމްއެލް އިން ވެސް ހުޅުމާލޭގެ ހިދުމަތްތައް ފުޅާ ކުރަން ރާވައިފާވާނެ ކަމަށެވެ. އަދި ހުޅުމާލެ ބްރާންޗު އިތުރަށް ފުރިހަމަކޮށް ސެލްފް ސާވިސް ހިދުމަތާއި އެކު ހުޅުވުމަކީ ހުޅުމާލެއަށް ކުރަން ނިންމާފައި ހުރި ގިނަ ކަންތައްތަކުގެ ފެށުން ކަމަށް ވެސް ހީލީ ފާހަގަ ކުރެއްވި އެވެ.

"މިއީ ހުޅުމާލޭގައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި އިންވެސްޓުމަންޓުތަކުގެ ފެށުން. މީގެ އިތުރުން މުސްތަގުބަލުގައި މިފަދަ އިތުރު އޭޓީއެމް ތަކެއް ހުޅޫވުމަށް ވަނީ ހަމަޖެހިފައި ވާނެ،" ހީލީ ވިދާޅުވި އެވެ.

ހުޅުމާލެ ގޮތްޕަށް އައިސްފައި ހުރި ބަދަލުތަކު ތެރޭގައި އެތަން މިހާރު ވަނީ ކުރިޔަށް ވުރެ ބޮޑުކޮށް ކަސްޓަމަރުންނަށް ހިދުމަތްދޭން ހަތް ކައުންޓަރެއް ބަހައްޓާފަ އެވެ. އަދި ކުރިން ހުރި އޭޓީއެމް މެޝިންތަކުގެ ބަދަލުގައި ދިވެހި ފައިސާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ދެ އޭޓީއެމް އާއި ސިޓީއުރާގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް ހާއްސަ ފަހުގެ އޭޓީއެމް މެޝިންތަށް ބަހައްޓާފައި ވެ އެވެ.

ދާދި ފަހުން ބީއެމްއެލް އިން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އާއި ޑިޕާޗާ ޓާމިނަލްގައި ވެސް ޑޮލަރު އޭޓީއެމް އެއް ބަހައްޓައިފަ އެވެ. އަދި ބީއެމްއެލްގެ ބްރާންޗެއް އެއާޕޯޓުގައި ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ/