ބޮލީވުޑް

ޓައިގާ 3: ސަލްމާނާއި ޝާހްރުކްގެ އެކުވެރިކަމުގެ ރަމްޒެއް

ސަލްމާން ޚާން ލީޑް ރޯލުކުޅޭ "ޓައިގާ 3"ގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝާހް ރުކް ޚާން ވެސް މި ފިލްމުން ފެންނާނެ އެވެ. އޭނާ ބައިވެރިވަނީ ސަލްމާނާއެކު އޮތް ޚާއްސަ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ކަމަށް ވެއެވެ.

ޓައިގާ ފްރެންޗައިސްގެ ފަހު ފިލްމުގައި ޝާހްރުކާއި ސަލްމާން ސްކްރީނުން ބަލާލުމުގެ ފުރުސަތު ފޭނުންނަށް ލިބޭނެ އެވެ.

މި ފިލްމުގައި ޝާހް ރުކް ކުޅެނީ ސިއްރު އެޖެންޓެއްގެ ރޯލެވެ. ކުރިއަށް އޮތް ފެބްރުއަރީ މަހުން ފެށިގެން އޭނާ މި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

"ޓައިގާ 3" އަކީ ޚިޔާލީ ވަރަށް ވަރުގަދަ ދެ ކެރެކްޓާއެއްގެ ވާހަކަ އެވެ. އެތަނުން އެކަކީ އިންޑިއާގެ ޖާސޫސެއް ކަމަށްވާ އަވިނާޝް ސިންގް ރާތޯރު ނުވަތަ ޓައިގާ އެވެ. އަނެކަކީ ޕާކިސްތާނުގެ ޖާސޫސެއް ކަމަށްވާ ޒޯޔާ ހުމާނީ އެވެ. ޒޯޔާގެ ކެރެކްޓާ ކުޅެނީ ކެޓުރީނާ ކައިފް އެވެ.

އެ ދެ މީހުންނަކީ ވަރަށް ތަފާތު ބޮޑު މިޝަންއަކަށް ނުކުމެ އުޅޭ ބަޔަކަށް ވިޔަސް ދެ މީހުން ބައްދަލުވެ ލޯބި ވެވި އެމީހުންގެ ތަގްދީރު ބަދަލުވާ ގޮތް ފިލްމުގައި ދައްކާނެ އެވެ.

މި ސްޕައި ތުރިލާ ޑައިރެކްޓް ކުރަނީ މަނީޝް ޝަރުމާ އެވެ. އިމްރާން ހާޝިމީ އާއި ނައުފަލް އަޒްމީރު ޚާން ވެސް ފިލްމުގައި ވަރަށް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.

ސަލްމާންގެ "ޓައިގާ 3"ގައި ޝާހްރުކް ބައިވެރިވާއިރު ޝާހް ރުކްގެ "ޕަތާން"ގައި ސަލްމާން ބައިވެރިވެ އެވެ. އަދި މި ފިލްމުގައި ސަލްމާން ކުޅެން ޖެހޭ ބައިގެ ޝޫޓިން މިހާރު ނިމިފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

"ޒީރޯ" ފްލޮޕްވުމުން ޝާހް ރުކް ފިލްމު ނުކުޅެ ގިނަ ދުވަސް ތަކަކު ހުރެފައި މިހާރު އަލުން މަސައްކަތް ފަށާފައިވާއިރު ގިނަ ފިލްމުތަކެއް އޭނާ ކުޅެން ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި "ޕަތާން"ގެ މަސައްކަތް ވަނީ ފަށާފަ އެވެ. ދެން މަސައްކަތްކުރާނީ ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަޓްލީގެ ފިލްމެއްގަ އެވެ. އަދި ރާޖް ކުމާރު ހިރާނީ އާއެކު ވެސް ފިލްމެއް ކުޅެން ހަމަޖެހިފައި ވެއެވެ.