ދުނިޔެ

ތާލިބާނުން އަފްޣާން އިލެކްޝަންސް ކޮމިޝަން އުވާލައިފި

އަފްޣާނިސްތާންގައި ހުޅަނގުން ގާއިމުކޮށްފައި އޮތް ސަރުކާރަކުން އުފެއްދި އިލެކްޝަން ކޮމިޝަނާއި ޝަކުވާ ހުށަހަޅާ ކޮމިޝަން ތާލިބާނުން އުވާލައިފި އެވެ.

ތާލިބާނުންގެ ތަރުޖަމާން ބިލާލް ކަރީމީ ވިދާޅުވި ގޮތުން އެކޮމިޝަންތަކަކީ އެއްވެސް ބޭނުމެއް ހުރި ތަންތަނެއް ނޫނެވެ.

ބިލާލް ކަރީމީ ވިދާޅުވި ގޮތުގައި ސަރުކާރަށް ބޭނުމެއް ނެތް މުއްސަސާތަކަކީ އުފުލަން ޖެހޭ ބޮޑު ބުރައެކެވެ. އެގޮތުން އިލެކްޝަން ކޮމިޝަނަކީ އެއްގޮތަކަށް ވެސް އުފައްދަން ޖެހޭ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ތާލިބާން ސަރުކާރަށް އިލެކްޝަންސް ކޮމިޝަނެއްގެ ބޭނުން ޖެހިއްޖެ ނަމަ އުފައްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތަށް އަދި ހަމައެކަނި ކަރަންޓް ބިލް ދައްކަން ޖެހުނު ނަމަވެސް އެއީ ބެހެއްޓުމުގެ ބޭނުމެއް ނެތް ތަނެއް ކަމަށެވެ.

އަފްޣާނިސްތާނުން 20 އަހަރަށް ފަހު އެމެރިކާ އާއި ނޭޓޯ ގައުމުތަކުގެ ސިފައިން ފައިބައިގެން ދިއުމާއެކު ތާލިބާނުން ވަނީ އަފްޣާންގެ ވެރިކަމާ ހަވާލުވެފަ އެވެ. އެއަށްފަހު ހުޅަނގުން އުފައްދާފައި ހުރި ކިތަންމެ ކަމެއް ވަނީ އުވާލާފަ އެވެ.

އަފްޣާންގައި އިލެކްޝަން ކޮމިޝަނެއް އެކުލަވާލީ 2006 ވަނަ އަހަރު އެވެ. އިލެކްޝަން ކޮމިޝަނާ ހަވާލުކޮށްފައި އޮންނަނީ އިންތިހާބުތައް ހިންގައި ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ރައީސަކު ހޮވަން ބާއްވާ އިންތިހާބު ވެސް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަން އުވާލުމުން ފާޑުކިޔާ މީހުން ވަނީ ޓްވީޓާގައި ތެޅިގެންފަ އެވެ. ތާލިބާނުންނަކީ ޑިމޮލްރަސީ ގަބޫލުކުރާ ޖަމާއަތެއް ނޫން ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ ތާލިބާނުން ވެރިކަން ކުރަން ބޭނުން ވަނީ ބޮލަށް ބަޑިޖަހައިގެން ކަމަށެވެ.

ބިލާލް ކަރީމީ ވިދާޅުވި ގޮތުން އިލެކްޝަންސް ކޮމިޝަންގެ އިތުރުން ސަރުކާރުން އެހެން ދެ މުއައްސަސާއެއް ވެސް ވަނީ އުވާލާފަ އެވެ. އެއީ މިނިސްޓްރީ އޮފް ޕީސް އާއި މިނިސްޓްރީ އޮފް ޕާލިމެންޓަރީ އެފެއާޒް އެވެ.

އަފްޣާންގައި ކުރިން ވެރިކަން ކުރި ސަރުކާރުން އުފައްދާފައި ހުރި އަންހެނުންގެ މިނިސްޓްރީ ވެސް ތާލިބާނުން ވަނީ އުވާލާފަ އެވެ.