ދުނިޔެ

އެމެރިކާއާމެދު ދެކޭ ގޮތް ބަދަލުވާނެ: ތާލިބާނުން

އެމެރިކާ ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ދޫނުކޮށް އެހެން މުހުތާދުތަކަށް ހޭދަކުރާ ނަމަ އަފްޣާނުން މިހާރު އެމެރިކާއާ ދީފައި އޮތް ދަރަޖަ ދަށް ކުރާނެ ކަމަށް ތާލިބާނުން ބުނެފި އެވެ. އަދި ބުނީ ތާލިބާނުންގެ ސިޔާސަތު ބަދަލު ވުމުން އެމެރިކާ ހިކި ކޮށިއަރާނެ ކަމަށެވެ.

އަފްޣާނިސްތާންގެ މަރުކަޒީ ބޭންކަށް ވަންނަން ޖެހޭ ފައިސާތައް އެމެރިކާ ހިފެހެއްޓި ސަބަބަކީ އަފްޣާންގައި އޮތް މަދަނީ ވެރިކަން ތާލިބާނުން ވައްޓާލުމެވެ.

އެމެރިކާ ބުނާ ގޮތުން ތާލިބާނުންގެ ރޫހު ހުރީ އަފްޣާނިސްތާނަށް އާންމު ވެގެން ދާފަދަ އުފެއްދުންތެރި ގޮތަކަށް ނޫން ކަމަށެވެ. އަދި އެމެރިކާ އެދޭ ގޮތަކަށް އަފްޣާންގެ ވެެރިކަމާއި ހިންގުން އަތުރާލުމަށް ދާންދެން ފައިސާ ދޫނުކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ޖޯ ބައިޑަންގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ ހިފަހައްޓާފައި ހުރި ފައިސާއިން ބޮޑު ބައެއް ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމަށެވެ.

އެމެރިކާގެ މި އިޚުތިޔާރަށް ފާޑުކިޔައި ތާލިބާނުން ބުނީ އެމެރިކާ އަދަބު ދެނީ އެހެން ބަޔަކު ކުރި ކުށަކަށް ގުޅުމެއް ނެތް ބަޔަކަށް ކަމަށެވެ.

އަފްޣާންގެ ފައިސާ އަކީ އަފްޣާން ރައްޔިތުންނަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ތާލިބާނުން ބުނެ އެވެ. އަފްޣާނަށް އެ ފައިސާތައް ލިބިގެން ނޫން ގޮތަކަށް ގައުމު ހަމަނުޖެއްސޭނެ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

އެމެރިކާ ސަރުކާރުން އަފްޣާން ފައިސާތައް ނުހައްގުން ބޭނުން ކުރަން ނިންމުމާ ގުޅިގެން އަފްޣާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ބައިޑަންއަށް ދަންނަވާފަ އެވެ.

ކާބުލްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކަރުޒާއީ ވިދާޅުވީ އެ ފައިސާތައް ބޭނުން ކުރެވެން ޖެހޭނީ އަފްޣާންގެ މާލީ ނިޒާމް ހަމައަކަށް އެޅުވުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމަށް މިހާރު ޖެހިފައި އޮތީ އަފްޣާން ކަމަށާއި ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމަށް އާންމު ރައްޔިތުން އާދޭސް ދަންނަވާ ކަމަށެވެ.

އަފްގާން ރައްޔިތުންގެ މުދާތަކެއް ނުހައްގުން ބޭނުން ނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް ކަރުޒާއީ ގޮވާލެއްވި އެވެ. އޭނާ އަދި ވިދާޅުވީ އަފްގާން ރައްޔިތުންގެ އާދޭސް އަޑުއެހުމަށް އެމެރިކާ ކުޅެދެންވާނެ ކަަމަށެވެ.