އޭސީސީ

އޭސީސީގެ މެންބަރުން ޖަވާބުދާރީވެއްޖެ

Dec 26, 2021
3

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފަށައި، ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގައި މެންބަރުން ޖަވާދާރީވެއްޖެ އެވެ.

އޭސީސީގެ މެންބަރުން ޖަވާބުދާރީވުމާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:30 ގައި ފެށުމަށް މިހާރު ވަނީ އެޖެންޑާކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފަށައި، ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައި ވަނިކޮށް ކޮމިޝަންގެ މެންބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހެޅުނެވެ. ނަމަވެސް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެލުމަށް ފާހެއް ނުވެ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ އެ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވުމަށްފަހު އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީން ފަސް ދުވަސް ދީފައިވެ އެވެ. ބަންދު ދުވަސްތައް ނުލައި ދީފައިވާ އެ މުއްދަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފެށިއިރު އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބެވި ނަމަވެސް އޭރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އޭސީސީގައި މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.